އިއްޔެ އޮތް ހަ ރަށެއްގެ ކައުންސިލްތަކުން ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް ކައުންސިލަރުން އައްޔަންކުރުމަށް ބޭއްވި ބައި އިލެކްޝަނުގައި ވޯޓު ލާން ނިސްބަތުން އެންމެ މަދުން މީހުން ނުކުތީ ނ.ވެލިދޫ އިންނެވެ.
އިލްކެޝަންސް ކޮމިޝަނުގެ ވަގުތީ ނަތީޖާ ޝީޓްތަކުން ދައްކާ ގޮތުގައި އެރަށުގެ 1982 މީހުންނަށް ވޯޓު ލުމުގެ ޙައްޤު ލިބިފައިވާއިރު އިންތިޚާބުގައި ވޯޓު ދިނީ އޭގެތެރެއިން އެންމެ 50.91 އިންސައްތަ މީހުންނެވެ.
ވެލިދޫ ކައުންސިލްގެ މެމްބަރު އިންތިޚާބު ކުރުމަށް ބޭއްވި ބައި އިލެކްޝަންގައި ބައިވެރިވީ ވެރިކަންކުރާ ޕީއެންސީއާއި މިހާރު މަޖިލިސް ކޮންޓްރޯލްކުރާ އެމްޑީޕީންނެވެ. އޭގެތެރެއިން 549 ވޯޓު ހޯދައިގެން އިންތިޚާބް ކާމިޔާބުކުރީ ސަރުކާރުގެ ކެންޑިޑޭޓް އެރަށު އުރަތަ ޢަބްދުﷲ ޢަބްދުއްރައްޒާޤެވެ. ދެވަނައަށް ދިޔަ އެމްޑީޕީ ކެންޑީޑޭޓް އެރަށު ސަނީސައިޑް އާމިނަތު ޝިފާޒާއަށް ލިބުނީ 449 ވޯޓެވެ.
އިލެކްޝަންސް ކޮމިޝަނުން އިއްޔެގެ ބައިި-އިލެކްޝަންތައް ބާއްވާފައިވަނީ މ. މަޑުއްވަރީ ކައުންސިލްގެ ރައީސް، ހއ. އުތީމު، ނ. ލަންދޫ، ނ. ވެލިދޫ ކައުންސިލްގެ މެންބަރު އަދި ހއ. ތަކަންދޫ، ރ. އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށެވެ. މި ހަ ރަށުން ވޯޓު ދިނުމުގެ ޙައްޤު ލިބިފަިއވަނީ ޖުމްލަ 5267 މީހުންނަށެވެ. އޭގެތެރެއިން ވޯޓު ލާން ނުކުތީ 2726 މީހުންނެވެ. މުޅި ޖުމްލަ ބާޠިލް ވޯޓަކީ 60 އެވެ. އެންމެ ގިނައިން ބާޠިލް ވޯޓު ލާފައި ވަނީ މ.މަޑުއްވަރީއާއި ނ.ވެލިދޫ އިންނެވެ. މިއިން ކޮންމެ ރަށަކުންވެސް ޖުމްލަ 11 ގަނޑު ވަނީ ބާޠިލް ވެފައެވެ.



