ފެނަކަ ކޯޕަރޭޝަނުން އެކި ރަށްރަށުގައި ހިންގާ ފެނާއި ނަރުދަމާގެ މަޝްރޫއުތައް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފި އެވެ.
މިގޮތަށް ނިންމީ އެކަމާ ގުޅޭގޮތުން އިއްޔެ ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި ފެނަކަ އަދި އެމްޑަބްލިއުއެސްސީއިން މަޝްވަރާ ވެސް ކުރުމަށްފަހު އެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދާ ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ކުންފުންޏާ ހަވާލުކޮށްފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއުތަކެއް އެމްޑަބްލިއުއެސްސީއާ ހަވާލުކުރީ އަވަހަށް ނިންމުމަށް ކަމަށެވެ.
އެއީ ހަވާލުކޮށްފައިވާތާ ގިނަ ދުވަސްތަކެއް ވެފައިވާ މަޝްރޫއުތަކެއް ކަން ފާހަގަކުރައްވައި މުއާޒު ވިދާޅުވީ، އަވަހަށް ނިންމަން ބޮޑު ހަރަދެއް ކުރަން ޖެހޭ ކަމަށާއި އެއީ ފެނަކައަށް މިވަގުތު ކުރެވޭނެ ހަރަދެއް ނޫން ކަމަށެވެ.
ފެނަކައިން އެމްޑަބްލިއުއެސްސީއާ ހަވާލުކުރި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ 2020 އަދި 2021 ގައި ހަވާލުކުރި 16 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތެވެ. އޭގެ ތެރެއިން ބައެއް މަޝްރޫއުތަކަކީ ފެށުމަށްފަހު ހުއްޓިފައިހުރި މަޝްރޫއުތަކެވެ.



