ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުން މި ސަރުކާރަށް ކުރީ ޖެއްސުން ކަމަށާއި އެހެންނަމަވެސް އެކަން އެމީހުންނަށް ކާމިޔާބު ނުވި ކަމަށް ބުނެ ނައިބް ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ 7 ވަނަ އަހަރީ ދުވާހާއި އަދި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓިވިއުގައެވެ.
ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ އިންތިޚާބާއި ދިމާކޮށް ސަރުކާރުން ރަށްރަށުގައި ހިންގި ޕްރޮޖެކްޓުތައް ހުއްޓުވަންވެސް ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޙިކުމަތްތެރިކަމާއެކު ބަޖެޓުގައި ނުހިމަނައި ހުރި މަޝްރޫއުތައް ކުރިޔަށް ގެންދަވާފައި ވާކަން ނައިބު ރައީސް ފާހަގަ ކުރެއްވިއެވެ. އެގޮތުން ރަސްމާލެ މަޝްރޫޢު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މިސަރުކާރުގެ އަމާޒަކީ ވަގުތު ބޭކާރު ނުކޮށް ވީ ވަޢުދުތައް ފުއްދުމަށެވެ. އަޅުގަނޑުމެން ބޭނުމެއްނުވޭ ވަގުތު ބޭކާރުކުރާކަށް. ރައީސް ވެވަޑައިގެންނެވި ވަޢުދުތައް މި 5 އަހަރު ތެރޭ ފުއްދުމަށް އަޅުގަނޑުމެން މަސައްކަތްކުރާނީ." ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބް ރައީސް ވިދާޅުވީ 2018 ވަނަ އަހަރު ޕީޕީއެމް މެޖޯރިޓީ އޮތްއިރު ބަޖެޓް އެކުލަވާލުންފަދަ މުހިއްމު ކަންތައްތައް މައިނޯރިޓީއަށް ދޫކޮށްލި ކަމަށާ އެހެންނަމަވެސް އޭގެފަހުން އައި މަޖިލީހުން އެފަދަ މިސާލުތަކެއް ނުފެންނަ ކަމަށެވެ.
ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުން ވަނީ ތާރީޚީ ކާމިޔާބީއެއް ހޯދާފައެވެ. ޕީއެންސީއަށް 66 ގޮނޑިއާއެކު ސަރުކާރަށް ތާއީދުކުރާ މެމްބަރުންގެ ޢަދަދަކީ 73 މެމްބަރުންނެވެ. ސަރުކާރުގެ އަމާޒަކީ 80 މެމްބަރުން ކަމަށް ޒުވާނުންނާބެހޭ މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.



