ނޫސްވެރިކަމުގެ ރޭންކިންގ ގައި ރާއްޖެ ފަހަތަށް ފޮނުވާލީ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން ކަމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ ޖަމާޢަތެއް ކަމުގައިވާ ރިޕޯޓަރސް ވިތައުޓް ބޯޑާސްގެ އެންމެ ފަހުގެ ހޯދުންތަކުން އެނގިއްޖެއެވެ.
ރާއްޖޭގެ ނޫސްވެރިކަން ހަ ދަރަޖައަށް ފަހަތަށް ފޮނުވާލީ ރައީސް ޑރ.މުޢިއްޒުގެ ވެރިކަމުގައި ކަމަށް ބުނެ އެމްޑީޕީން ގެންދަނީ ސީދާ ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލަމުންނެވެ.
އިއްޔެ އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ފާއިތުވީ ހަ މަސްދުވަހު ސަރުކާރުން ރާވައިގެން ނޫސްވެރިންނަށް ހުރަސް އެޅިކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަމުގައި އޮތީ ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރު ކޮށްދީފައި ކަމަށް ބުނެފައެވެ. ނަމަވެސް މިއީ ތެދުނޫންކަން އެނގެނީ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް ހާމަކުރި ބައިނަލް އަޤްވާމީ ޖަމާޢަތުގެ ސްޓެޓިސްޓިކްސް އިންނެވެ.
އެފަރާތުން ހާމަކުރި ގޮތުގައި ރާއްޖޭގެ ނޫސްވެރިކަން ހަ ދަރަޖަ ދަށަށް ދާން ދިމާވި މައިގަނޑު ސަބަބަކީ ނޫސްވެރިން މަޢުލޫމާތު ހޯދާ މަސްދަރުތައް ހާމަކުރާ ގޮތަށް ނޫސްވެރިންނަށް މަޖުބޫރު ކުރުވުމުންނެވެ.
އެކަން ކުރީ އެމްޑީޕީންނެވެ. އެއީ އެމްޑީޕީގެ ސުޕަ-މެޖޯރިޓީ އޮތް މަޖިލީހަކުން ފާސް ކޮށް ރައީސް އިބްރާހީމް މުޙައްމަދު ތަޞްދީޤު ކުރެއްވި ޤާނޫނެކެވެ. އެޤާނޫނުގައި ވާގޮތުން ނޫސްވެރިން ހޯދާ މަޢުލޫމާތެއް ކޯޓުން އަމުރު ކޮށްފި ހިނދެއްގައި ހާމަކުރަން ޖެހޭނެއެވެ.
އެމްޑީޕީގެ ބަޔާނުގައި މިސަރުކާރުގެ ބޮލުގައި އިލްޒާމް އަޅުވާފައިވާއިރު، ރާއްޖޭގެ ނޫސްވެރިކަން ފަހަތަށް ސޮއްސުވާލައި މިއަދު އެކަން މިސަރުކާރުގެ ބޮލުގައި އަޅުވަން އުޅުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ޢަމަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންވެސް ވަނީ ފާހަގަ ކުރައްވާފައެވެ.



