އިންޑިއާ ސިފައިން ރާއްޖޭގައި ދުއްވާ ހެލިކޮޕްޓަރެއްރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ކުރެއްވި އިއުލާނެއްގައި ވިދާޅުވަނީ، ރާއްޖެ އާއި އިންޑިއާއާ ދެމެދު ގާއިމު ކުރި އެއްބަސްވުމުގެ ދަށުން އިންޑިއާ ސިފައިންގެ ދެވަނަ ގްރޫޕް ރާއްޖެއިން ފޮނުވާލާފައިވާކަމަށެވެ. އިންޑިއާ އާއި ރާއްޖެ އެއްބަސްވެފައި ވަނީ މާރިޗް 10 ގެ ނިޔަލަށް އައްޑޫގައި ތިބި އިންޑިއާ ސިފައިން ރާއްޖެ އިން ފައިބަންޖެހޭނެ ކަމަށެވެ. އެ އެއްބަސްވުމާއި އެއްގޮތަށް އެ ދުވަހުގެ ކުރިން ސިފައިންގެ ފުރަތަމަ ބެޗް ވަނީ ރާއްޖެ ދޫކޮށް ގޮސްފައެވެ. އަދި ބާކީ ތިބި ސިފައިން މެއި 10 ގެ ނިޔަލަށް ފައިބަން ވަނީ އެއްބަސްވެފައެވެ. އިންޑިއާ ސިފައިން ދެން ތިބީ ހދ. ހަނިމާދޫ އާއި ލ. ކައްދޫގައެވެ. އެއީ އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ދުއްވުމަށާއި އެ އުޅަނދުތަކުގެ ޓެކްނިކަލް މަސައްކަތް ކުރުމަށް ތިބި ސިފައިންނެވެ.މިހާރު އައްޑޫ ސިޓީގައި ކުރިއަށްގެންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ފުރަތަމަ ދުވަހުވެސް ރާއްޖޭގައި ބޭތިއްބުން ނިމުމަކަށް ގެނައުނުގެ މަސައްކަތް އެމަނިކުފާނު ފެއްޓެވި ކަމަށެވެ."ފެށި މަސައްކަތް ގޮސްފައިވާ ހިސާބަކީ ދެފަރާތުން އެއްބަސްވެވި ޓައިމް ޓޭބަލެއް، ތިން ބެޗަށް، ތިން ޕްލެޓްފޯމްގައި ތިބި ސިފައިން ފައިބާ ގޮތަށް، ފުރަތަމަ ޓީމް ފައިބާފައި، މިހާރު 9 އޭޕްރިލްގައި ދެވަނަ ޕްލެޓްފޯމްގެ ސިފައިން ފައިބާފައި ވަނީ،". ރައީސް ޑރ. މުއިއްޒު މިރޭ ވިދާޅުވިއެވެ.އަދި ބާކީ ތިބި ޕްލެޓްފޯމްގައި ތިބި އިންޑިއާ ސިފައިން 10 މެއިގެ ކުރިން ފައިބާނެ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ."އެހެންވީމަ ވައުދު ފުދުނީ ނޫންތޯ، މިތާ ތިބި ބޭރުގެ ހުރިހާ ސިފައިން 10 މެއިގެ ކުރިން ފައިބާނެ. އަޅުގަނޑުވާ ވައުދެއް ވިއްޔާ އަޅުގަނޑު މަސައްކަތް ކުރާނީ އެންމެ ފުރިހަމައަކަށް އެކަމަށް ކޮށްދެވޭތޯ،". ރައީސް ވިދާޅުވިއެވެ.ރައީސް މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމެވެ.އިންތިހާބީ ރައީސް އިއުލާން ކުރެއްވި 100 ދުވަހުގެ ޕްލޭންގައި ވެސް އިންޑިއާ ސިފައިން ފޮނުވާލުން ހިމެނޭ އިރު، މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު، ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި ރާއްޖޭގައި 88 އިންޑިއާ ސިފައިން ތިއްބެވެ.ދެ ގައުމުގެ ވާހަކަތަކަށް ފަހު އެއްބަސްވީ އެ އުޅަނދުތައް އޮޕަރޭޓު ކުރަން ސިފައިންގެ ބަދަލުގައި މަދަނީ މީހުން ބޭތިއްބުމަށެވެ.