ދިގުމުއްދަތުގެ އިގްތިސާދީ ހަމަޖެހުން ކަށަވަރުކޮށްދިނުމުގެ އިތުރުން ހަރަދުތައް ފޫބެއްދުމަށް ސްޓްރެޓެޖިކް ފިޔަވަޅުތަކެއް ސަރުކާރުން އަޅައިފިއެވެ. ފިނޭންސް މިނިސްޓްރީން ކާމިޔާބުކަމާއެކު 3.3 ބިލިއަން ރުފިޔާގެ ޓްރެޜަރީ ބިލް (ޓީ-ބިލްސް)ވިއްކާފައިވާއިރު، މިއީ އިންވެސްޓަރުންގެ އިތުބާރު ދެމެހެއްޓުމާއެކު މާލީ ޒިންމާތައް ބެލެހެއްޓުމަށް ސަރުކާރުން ޕްރޮއެކްޓިވް ގޮތެއް ގެންގުޅޭ ކަމުގެ އިޝާރާތެކެވެ.
ވިއްކި ޓީ-ބިލްތަކުގެ ތަފްސީލު:
• 28 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 2 ބިލިޔަން ރުފިޔާގެ ޓީ-ބިލް
• 98 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 165 މިލިޔަން ރުފިޔާގެ ޓީ-ބިލް
• 196 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 742 މިލިޔަން ރުފިޔާގެ ޓީ-ބިލް
• 364 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 467 މިލިޔަން ރުފިޔާގެ ޓީ-ބިލް
3.50% އާއި 4.60% އާއި ދެމެދުގެ އިންޓަރެސްޓް ރޭޓްތަކެއް ހުށަހަޅާ މި ޓީބިލްތަކުގެ ސަބަބުން ބޭންކުތަކާއި ޕެންޝަން އޮފީސްތަކާއި ޕަބްލިކް އަދި ޕްރައިވެޓް ކުންފުނިތައް ހިމެނޭ ގޮތަށް އެކި އިންވެސްޓަރުން ޝައުގުވެރިވެ، ސަރުކާރުގެ މާލީ ހިންގުމަށް ލިބޭ ތާއީދު ދައްކުވައިދެއެވެ.
ޓްރެޜަރީ ބިލް (ޓީ-ބިލް) އަކީ ކޮބައިތޯ؟
ޓީ ބިލަކީ ކުރު މުއްދަތުގެ ސަރުކާރުގެ ސެކިއުރިޓީޒްގެ ފޭސް ވެލިއުއަށް ޑިސްކައުންޓެއް ދީގެން ވިއްކާ ސެކިއުރިޓީޒް އެވެ. ޓީ-ބިލަކީ ބަޖެޓްގެ ދަރަނި ފޫބެއްދުމަށް ވިއްކާ ދައުލަތުގެ ދަރަންޏެކެވެ މެޗުރިޓީގައި ފުލް ފޭސް ވެލިއު އިންވެސްޓަރުންނަށް އަނބުރާ ލިބި، އިތުބާރު ހުރި އަދި ރިސްކް ކުޑަ އިންވެސްޓްމަންޓް އޮޕްޝަނެއް ހުށަހަޅައިދެ އެވެ. މި ބިލްތައް ނެރެގެން ސަރުކާރަށް ބަޖެޓުގެ ޑެފިސިޓްތައް ފޫބެއްދުމާއި، އާންމު ދަރަނި މެނޭޖްކުރުމާއި، މުހިންމު ގައުމީ މަޝްރޫއުތަކަށް އިންވެސްޓް ކުރުމުގެ ގާބިލްކަން ލިބިގެންދެއެވެ. އިންވެސްޓަރުންނަށް ޓީބިލްތަކުގެ ސަބަބުން އެމީހުންގެ ރައުސުލްމާލު ބޮޑުކުރުމަށް ރައްކާތެރި ގޮތެއް ލިބިގެންދެއެވެ.



