ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުންދާކަމަށް މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.
އެމްޑީޕީން މިހެން ބުނީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ނެރުނު ނޫސްބަޔާނެއްގައެވެ.
އެމްޑީޕީން ނެރުނު ނޫސްބަޔާނުގައި ބުނީ މި އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ދިވެހި ނޫސްވެރިންނާ ބައްދަލުކުރާއިރު، ނޫސްވެރިކަމުގެ ކުރިމަގާއި މެދު ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. ސަރުކާރަށް ފާޑުކިޔާ ދެ ނޫހެއް ބްލޮކް ކޮށް ހިޔާލު ފާޅުކުރުމަށް ހުރަސް އަޅާފައިވާ ކަމަށާއި، ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ސަރުކާރުން ރާވައި އިންތިޒާމުވެގެން، ރަސްމީ އިދާރާތައް މެދުވެރިކޮށް ކަންކަމުގެ ހަގީގަތް ކަނޑައެޅިގެން އޮޅުވާލުމަށް މަސައްކަތް ކޮށްފައިވާކަމަށް އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން ބުނީ ނޫސްވެރިންގެ މަސައްކަތްތަކަށް ހުރަސް އެޅުމަށް ނޫސްވެރިންނަށް ރައީސް އޮފީހަށް ފޯނު ނުވެއްދޭ ގޮތަށް އެ އޮފީހުގެ އުސޫލުތައް ކުއްލި ގޮތަކަށް ބަދަލުކުރުމަކީ ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ދެފުށް ފެންނަ ހާމަކަން ބޮޑު ސަރުކާރެއް ގާއިމުކުރާނެ ކަމަށާއި ނޫސްވެރިންނަށް ފުރިހަމައަށް މައުލޫމާތު ދިނުމުގެ ވައުދާއެކު ވެރިކަމާއި ހަވާލުވި ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ގަސްތުގައި މައުލޫމާތު ހިފަހައްޓައި، ސިއްރުކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުންދާ ކަމަށް ޤަބޫލުކުރާކަމާށް އެމްޑީޕީން ބުންޏެވެ.
މީގެ އިތުރުން ފާއިތުވި ދުވަސްތަކުގެ ތެރޭގައި ނޫސްތަކަށާއި ޓީވީ ސްޓޭޝަންތަކަށާއި އަދި ވަކިވަކި ނޫސްވެރިންނަށް އިންޒާރު ދިނުމާއި ބިރު ދެއްކުން އިތުރުވެފައިވާއިރު އެ އިންޒާރުތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި ފިޔަވަޅު އެޅުމަށް ކަމާގުޅުން ހުރި އިދާރާތަކަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.
ލިބެމުންދާ އިންޒާރުތަކާއި ސަރުކާރުން އަޅަމުންދާ ހުރަސްތަކާ އެކު ވެސް ރައްޔިތުންނަށް ތެދު ހާމަކޮށްދިނުމުގައި ބުރަކޮށް މަސައްކަތް ކުރަމުންދާ ދިވެހި އެންމެހާ ނޫސްވެރިންނަށް ޝުކުރު އަދާކޮށް އެމްޑީޕީން ވަނީ ޑިމޮކްރަސީގެ ހަތަރު ވަނަ ބާރުގެ ގޮތުގައި ނޫސްވެރިން އަދާކުރަމުންދަނީ ރާއްޖޭގެ ކުރިމަގަށް ބޭނުންތެރި މުހިންމު މަސައްކަތްތަކެއްކަން ޝުކުރުވެރިކަމާއެކު ފާހަގަކުރާ ކަމަށް ބުނެފައެވެ.
އެމްޑީޕީން ވަނީ ނޫސްވެރިކަމުގެ މިނިވަންކަމަކީ ތަންމިނަށް ހުޅުވިފައި އޮންނަން ވާނެ ހައްގެއް ކަމަށް ބުނެ އެގޮތަށް ކަންކަން ފަހިކޮށްދިނުމަށް ސަރުކާރަށް ގޮވާލާފައެވެ. އަދި ނޫސްވެރިކަމާއި ނޫސްވެރިންގެ ހައްގުގައި ކުރަމުންދާ ވަކާލާތު ކުރިއަށް އޮތް ތަނުގައި ވަރުގަދަކޮށް ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ދުލާއި ގަލަމުގެ މިނިވަންކަމުގެ ހިމާޔާތުގައި އެ ޕާޓީ ދެމި އޮންނާނެ ކަމުގެ ޔަޤީންކަން އެމްޑީޕީން ވަނީ އަރުވާފައެވެ.
އެމްޑީޕީން ބުނީ ބަސް ބުނުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ހޯދުމަށް ދިވެހި އެތައް ރައްޔިތުންނަކާއި ޖެހިލުން ކުޑަ ހިތްވަރުގަދަ ނޫސްވެރިންނާއެކު އެ ޕާޓީން ކޮށްފައިވަނީ ފަހުރުވެރިވާ ފަދަ މަސައްކަތްތަކެއް ކަމަށެވެ. އެ ކަންކަމުގެ މައްޗަށް ބިނާކޮށް އެ ޕާޓީގެ ދެ ވެރިކަމުގައި ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްޤު ކަށަވަރު ކޮށްދެވުނު ކަމަށް އެމްޑީޕީން ބުންޏެވެ.



