ދިވެހިރާއްޖޭގެ މަސްވެރި ސިނާއަތް ތަރައްގީކުރުމަށް އިފާޑުގެ އެހީތެރިކަން ބޭނުންވާ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް، އިންޓަނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް (އިފާޑު) ގެ ކަންޓްރީ ޑިރެކްޓަރ ޝެރީނާ ތަބައްސުމްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މި މަޝްވަރާ ބައްދަލުވުމުގައި ވަޒީރު ޝިޔާން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސްވެރިކަން ތަރައްޤީކުރުމަށް ކުރައްވާ މަސައްކަތްޕުޅުގެ ތެރެއިން މެރިކަލްޗަރ ދާއިރާ ތަރައްގީ ކުރުމަށް ގެންގުޅުއްވާ ވިސްނުންފުޅު ހިއްސާކުރައްވާފައިއެވެ. މީގެ އިތުރުން، މެރިކަލްޗަރ ތަރައްގީ ކުރުމަށް ވުޒާރާއިން ކުރަމުންދާ މަސައްކަތްތައްވެސް ވަޒީރު ހިއްސާކުރެއްވާފައިވާ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.
ވަޒީރު ޝިޔާމް ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ތެރެއިން މަސް ޕްރޮސެސްކުރުމުގައި އަންހެނުންގެ ދައުރު ފާހަގަކުރައްވާ، އެ ފަރާތްތަކަށް އެހީ ބޭނުންވާ ދާއިރާތަށް ހިއްސާކުރައްވާފައެވެ. މިކަމަކީ މަސްވެރިކަމުގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، އިޤްތިޞާދީ ގޮތުން އަންހެނުން ބާރުވެރިކުރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވޭކަމަށް ވުޒާރާއިން މައުލޫމާތު ދީފައިވެއެވެ.
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް އެހީތެރިވުމަށް ވުޒާރާއާ ގުޅިގެން މަސައްކަތްކުރާނެ ކަމަށް ވިދާޅުވެ، މިއީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ލިބޭ ވަރަށް މުހިންމު އެހީތެރިކަމެއް ކަމުގައި އިފާޑުގެ ކަންޓްރީ ޑިރެކްޓަރ ޝެރީނާ ތަބައްސުމް ވަނީ ބުނެފަިއެވެ.
މި ބައްދަލުވުމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ އިސްފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. މި ބައްދަލުވުމަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި މި ދާއި ދާއިރާ ތަރައްޤީކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައިއެވެ.



