ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް އަންނަ ޖޫން މަހު 29 ގައި ފެށުމަށް ހަމަޖެހިފައިވާކަމަށް ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ބުނެފިއެވެ.
މި މުބާރާތް ބޭއްވުމަށް އެންމެ ފުރަތަމަ ތާވަލުކޮށްފައި އޮތީ ފެބްރުވަރީ 23 ވަނަ ދުވަހުއެވެ. ނަމަވެސް އެ ތާރީޚާއި ގްރޭޑް 10 ގެ ދަރިވަރުންގެ މޮކް އެގްޒާމް ދިމާވާތީ އެ ދަރިވަރުންނަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށްޓަކައި އިމްތިޙާނު ނިމެންދެން މުބާރާތް ފަސްކުރީއެވެ.
ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ބުނީ ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތް އަންނަ މަހު 29 ގައި ފެށުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށެވެ.
މި މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލާ ކިޔެވުމުގެ ގޮތްޕާއި ހާފިޒުންގެ ގޮފި އޮންނާނެއެވެ. މިމުބާރާތުގައި ކޮންމެ ބަޔަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުޅި މުބާރާތުންވެސް މިވަނަތައް ހޮވާނެއެވެ.
ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ޒަޢާމަތުގައި، 1981 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ.



