އަމިއްލަ ފަރާތްތަކުގެ ހަރަދުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބިނާކުރަމުންދާ 9 މިސްކިތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިައަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ޝަހީމް ވިދާޅުވީ، މުޖުތަމައު ބައިވެރިވެގެން މިސްކިތްތައް ބިނާކުރުމަކރުމަކީ މި ސަރުކާރުން ވަރަށް ބޮޑަށް ބޭނުންވާ ކަމެއް ކަމަށެވެ. މިގޮތުން އަމިއްލަ ފަރާތްތަކަށް މިސްކިތް އެޅުމުގެ 9 މަޝްރޫއެއް ހަވާލުކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ ކުރިއަށް މި އޮތް އަހަރެއް ދެ އަހަރު ދުވަހުގެ ތެރޭގައި މި މަޝްރޫއުތައް ނިމިގެންދާނެ. މިއީ ވަރަށް ރީތި ބޮޑެތި މިސްކިތްތަކެއް،" ވަޒީރު ވިދާޅުވިއެވެ.
މި 9 މަޝްރޫއުގެ ތެރޭގައި ހުޅުމާލެ ފޭސް 2 ގައި ދެ މިސްކިތް، ފޭސް 3 ގައި އެއް މިސްކިތް، މާލޭގައި ޒިކުރާ ވަގުތީ މިސްކިތް ހުރި ބިމުގައި ދާއިމީ މިސްކިތެއް، ބަރުބަރީ މިސްކިތް ހުރި ބިމުގައި ޖާގަ ތަނަވަސް މިސްކިތެއް، އަދި ރ. އަލިފުށި، ހއ. އިހަވަންދޫ، އައްޑޫ ސިޓީ ހުޅުދޫ އަދި ނޮޅިވަރަންފަރުގައި މިސްކިތްތައް ބިނާކުރުން ހިމެނެއެވެ.
މީގެ އިތުރުން، ވަޒީރު ޝަހީމް ވިދާޅުވީ މިހާރު ޖުމްލަ 22 މިސްކިތެއްގައި މަސައްކަތް ކުރިއަށްދާ ކަމަށާއި، އިސްލާމިކް ދެ ސެންޓަރެއްގެ މަސައްކަތާއި ގުރުއާން ސެންޓަރުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މި ސަރުކާރު އައިއިރު ބައެއް މަޝްރޫއުތަކުގެ މަސައްކަތް ހުއްޓިފައި އޮއްވާ އެ މަޝްރޫއުތައް މި ސަރުކާރުން އަލުން ފަށައިގެން ކުރިއަށްގެންދާ ކަމަށެވެ. އަދި މިސްކިތްތައް ބިނާކުރުމަށް އެ ވުޒާރާއިން ނުދައްކާ ހުރި 50.7 މިލިއަން ރުފިޔާ ދައްކައި ހަލާސްކޮށްފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.



