ފިހާރައަކުން ވައްކަން ކުރީ ކާނެ އެއްޗެއް ނުލިބިގެން ކަމަށް ބުނެ، 40 އަހަރުގެ ފިރިހެނަކު ކޯޓުގައި ބުނެފިއެވެ.
ކ. މާލެ، މއ. ޒެނާޔާ، އަލީ ޖައުފަރު ވައްކަން ކޮށްގެން ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކަނޑައަޅާފައެވެ. ބަންދު އަމުރުގައިވާ ގޮތުން، އަލީ ޖައުފަރު ބުނެފައިވަނީ މިދުވަސްކޮޅު މަސައްކަތެއް ނުލިބޭތީ ލާރީގެ ދަތިކަން ވަރަށް ބޮޑަށް ހުރި ކަމަށާއި، ކާނެ އެއްޗެއް ހޯދާނެ ފައިސާވެސް އޭނާގެ އަތުގައި ނެތް ކަމަށެވެ. އެހެންކަމުން ފިހާރައިން ތަކެތި ވަގަށް ނެގީ ބަނޑުހައިވެގެން ކާނެ އެއްޗެއް ނުލިބިގެން ކަމަށް އޭނާ ބުނެފައިވެއެވެ.
އަލީ ޖައުފަރަކީ އަމިއްލަ މަސައްކަތްކޮށްގެން އާމްދަނީ ހޯދާ މީހެއްކަމަށް އޭނާ ބުނެފައިވާކަމަށް ބަންދު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
އެހެންނަމަވެސް، ފުލުހުންގެ އިންވެސްޓިގޭޝަން ރިޕޯޓާ ހަވާލާދީ ކޯޓުން ބުނެފައިވަނީ އަލީ ޖައުފަރު ފިހާރައިން ވަގަށް ނަގާފައިވަނީ މީހަކު ބަނޑުހައިވެގެން ކާނެ އެއްޗެއް ނެތިގެން ކާން ބޭނުންކުރާ ޒާތުގެ އެއްޗެއް ނޫން ކަމަށެވެ. އެހެންކަމުން އޭނާ ދެއްކީ ތެދު ވާހަކައެއް ކަމަށް ކޯޓަށް ގަބޫލު ނުކުރެވުނު ކަމަށް ކޯޓުން ބުނެފައިވެއެވެ.



