ރާއްޖޭގެ އިލްމުވެރިންނާއި އިމާމުންނާއި ހަތީބުންނަށް ރާއްޖެއިން ބޭރުން އިތުރު ތަމްރީނު ދިނުމުގެ ފުރުސަތުގެ ދަށުން ދެވަނަ ބުރުގެ ބައިވެރިން މިއަދު ސައުދި އަރަބިއްޔާއަށް ފުރައިފިއެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން މިއަދު މައުލޫމާތު ދެއްވިގޮތުގައި ރާއްޖެއިން ބޭރުން އިތުރު ތަމްރީނު ދިނުމުގެ ފުރުސަތުގެ ދަށުން ފުރާ ދެވަނަ ބުރުގައި 18 ބޭފުޅުން ބައިވެރިވާނެއެވެ.
14 މެއި ނިޔަލަށް ކުރިއަށްދާ މިދަތުރުގައި އިލްމީ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ އިތުރުން މައްކާ އަދި މަދީނާގެ ހާއްސަ ތަންތަނަށް ޒިޔާރަތްކުރާނެ ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.
މީގެ ކުރިން މި ޕްރޮގްރާމަށް ފުރަތަމަ ބެޗް ތަމްރީނު ހޯދުމަށް ގޮސްފައި ވަނީ ފެބްރުއަރީ މަސް ތެރޭގައެވެ.
މިއަހަރު އިމާމުންނާއި ހަތީބުން، ސައުދީގެ އިތުރުން މިސްރު، މެލޭޝިޔާ، ބުރޫނާއި. އިންޑޮނޭޝިޔާއަށް ވެސް ތަޖުރިބާއާއި ތަމްރީނުގެ ދަތުރުކުރާނެ ކަަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
އެ ވުޒާރާއިން އިސް ނަގައިގެން ދާދި ފަހުން ވަނީ އިމާމުން ތާޒާ ކުރުމުގެ ގައުމީ މަޝްރޫއެއް ވެސް އިފްތިތާހުކޮށްފައެވެ. އިމާމުން ތާޒާކުރުމުގެ ގައުމީ މަޝްރޫއަކީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އިމާމުކަމުގެ ދާއިރާއިން އިތުރު ތަމްރީނު ދިނުމަށްޓަކައި ތަފާތު 11 ސަރަހައްދަކަށް ބަހާލައިގެން މުޅި ރާއްޖޭގެ ދާއިމީ އިމާމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އެ ވުޒާރާގެ އަމާޒަކީ އެއް އަހަރު ދުވަހުގެ ތެރޭގައި 700 އިމާމުންނަށް ތަޖުރިބާ އާއި ތަމްރީން ދިނުމެވެ. އެގޮތުން އިމާމުންނަށް މާސްޓާސް އަދި ޕީއެޗްޑީއަށް ވެސް ސްކޮލަޝިޕްގެ ފުރުސަތު ފަހިކޮށް ދިނުމަށްވެސް ވަނީ ނިންމާފައިވެއެވެ.



