އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ އިމާމުން ތާޒާކުރުމުގެ ޕްރޮގުރާމްގެ ދަށުން 6 އަތޮޅެއްގެ އިމާމުން ތަމްރީންކޮށް ނިންމާލައިފިއެވެ. މި ޕްރޮގުރާމް ފެށުނީށުނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ނ، ރ، ފ، ދ، ތ އަދި ލ އަތޮޅުން ޖުމްލަ 272 އިމާމުން މިހާރު ވަނީ ތަމްރީންކޮށް ނިމިފައެވެ. މި ޕްރޮގުރާމްގެ ދަށުން މިހާތަނަށް 429 އިމާމުން ވަނީ ތަމްރީންކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ މި 6 އަތޮޅުގެ އިތުރުން ގއ އަދި ގދ އަތޮޅުން 77 އިމާމުންނާއި، ފުވައްމުލަކުން 40 އިމާމުންނާއި މ އަދި ވ އަތޮޅުން ތަމްރީންކޮށްފައިވާ 40 އިމާމުންނެވެ.
އިމާމުން ތާޒާކުރުމުގެ ޕްރޮގްރާމުގައި ޖުމްލަ 9 މާއްދާއެއް ކިޔަވައިދޭކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ. މި މާއްދާތަކުގެ ތެރޭގައި ޤުރްއާނާއި ތަޖުވީދުގެ ޢިލްމާއި ތަފްސީރާއި ފިޤުހާއި ޙަދީޘްގެ އިތުރުން އަޤީދާގެ ޢިލްމުގެ ދާއިރާއިން އިމާމުންނަށް ބޭނުންވާ މުހިއްމު ކަންކަން ހިމެނެއެވެ.
ރާއްޖޭގައި ގާތްގަނޑަކަށް 700 އެއްހާ ދާއިމީ އިމާމުން އުޅޭއިރު، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ އަމާޒަކީ މިއަހަރުގެ ތެރޭގައި ހުރިހާ ދާއިމީ އިމާމުން ތަމްރީންކޮށް ނިންމުމެވެ.
މި ޕްރޮގުރާމަކީ ރާއްޖޭގެ އިމާމުންގެ ޢިލްމީ ފެންވަރު މަތިކޮށް، އެ ބޭފުޅުންގެ ހުނަރުތައް އިތުރަށް ތަރައްޤީކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މުހިއްމު މަސައްކަތެއްކަން ފާހަގަކުރެވެއެވެ.



