މާލޭ ސަރަހައްދަށް މިއަދު އިހްސާސް ކުރެވޭ ހޫނުމިން ހުރީ 47 ޑިގްރީގައި ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ވިދާޅުވެއްޖެއެވެ.
މެޓުން ހާމަކުރި ގޮތުގައި ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް އިހްސާސް ކުރެވޭ ހޫނުމިން މިއަދު ހުރީ 40 އަށް ވުރެ މަތީގައެވެ.
ފިނި ހޫނުމިނަށް ބަލާއިރު އެންމެ މަތީގައި އުޅެނީ މާލޭ ސަރަހައްދުގައެވެ. އެއީ 33.5 ޑިގްރީ ސެލްސިއަސްގައެވެ.
ހަނިމާދޫގެ ފިނި ހޫނުމިން 33.4 ޑިގްރީ ސެލްސިއަސްގައި އުޅޭއިރު ކައްދޫގައި ފިނި ހޫނުމިން އުޅެނީ 32.6 ޑިގްރީ ސެލްސިއަސްގައެވެ. އަދި ކާޑެއްދޫގައި 32.4 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، އައްޑޫ ސިޓީ ގަމުގައި 31.7 ޑިގްރީ ސެލްސިއަސްގައި ފިނި ހޫނުމިން އުޅޭ ކަމަށް މެޓުން ވިދާޅުވެއެވެ.
މެޓް އޮފީހުން ވިދާޅުވެފައިވާ ގޮތުގައި މިއީ މި އަހަރުގައި ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރެވެ. އެއީ ވިލާ މަދުވުމާއި، ވައި މަޑުވުން އަދި ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ. އަދި މި އަހަރަކީ "އެލްނީނޯ" އަހަރެއް ކަމަށް ވުމުން ހޫނުމިން އިތުރަށް މަތިވުމުގެ ފުރުސަތު އޮތްކަން ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާއިން ލަފާކުރާކަމަށް މެޓްއިން ވިދާޅުވެފައިވެއެވެ.



