ސިންގަޕޫރުގައި ބާރު ސްޕީޑުގައި ކާރު ދުއްވުމުގެ ސަބަބުން ހައްޔަރުކުރެވުނު 31 އަހަރުގެ މީހަކު ފުލުހެއްގެ ގައިގައި ދަތްއަޅައި، އިތުރު ގިނަ ދައުވާތަކަކާ ކުރިމަތިލާންޖެހިއްޖެއެވެ.
ސިންގަޕޫރު ޕޮލިސް ފޯސް (އެސްޕީއެފް) އިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ކަލަންގް-ޕަޔާ ލެބާ އެކްސްޕްރެސްވޭގައި ދަންވަރު 1:25 ހާއިރުއެވެ. މަގުމަތި ޕެޓްރޯލްކުރަމުން ދިޔަ ޓްރެފިކް ފުލުހުންނަށް ފެނުނު ބާރު ސްޕީޑުގައި ދުއްވަމުންދިޔަ ކާރެއް ހުއްޓުމަށް އެންގުމުން، އިތުރަށް ސްޕީޑު ބާރުާރުކޮށް ދުއްވުމުގެ ސަބަބުން ދަނގަނޑު ދަނޑިއެއްގައި ޖެހި އެކްސިޑެންޓްވެފައިވެއެވެ.
އެކްސިޑެންޓްވުމާ ގުޅިގެން ފައިމަގުން ފިލައިގެން ދާން މަސައްކަތްކުރި ނަމަވެސް، ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ. ހިފަހައްޓަން އުޅުމުގެ ތެރޭގައި އޭނާ ވަނީ އޮފިސަރެއްގެ ކަނާއަތުގައި ދަތްއަޅާފައެވެ.
މި މައްސަލަ ތަޙުޤީޤުކުރުމުގެ ތެރޭގައި، އެ މީހާއަކީ ސިންގަޕޫރުގެ ޑިޖިޓަލް ކާޑު، ސިންގްޕާސްގެ ތަފްސީލު ހާމަކުރުމުގެ މައްސަލައެއްގައި ފުލުހުން ހޯދަމުންދިޔަ މީހެއްކަން ވެސް ވަނީ އެނގިފައެވެ.
މި ހާދިސާއާ ގުޅިގެން އޭނާގެ މައްޗަށް ދައުލަތުގެ މުވައްޒަފަކު ޑިއުޓީ އަދާކުރުމަށް ހުރަސްއެޅުމާއި އަނިޔާ ދިނުމުގެ ދައުވާގެ އިތުރުން، ސިންގްޕާސްގެ ތަފްސީލު ހާމަކުރުމުގެ ކުށުގައި ކޮމްޕިއުޓަރ މިސްޔޫސް އެކްޓުގެ ދަށުން ވެސް ދައުވާކުރެވޭނެއެވެ. މީގެ އިތުރުން ރައްކާތެރިނޫން ގޮތަކަށް ދުއްވުމާއި، ސައްޙަ ލައިސަންސެއް ނެތި ދުއްވުމާއި، އިންޝުއަރެންސް ކަވަރޭޖެއް ނެތި އުޅަނދެއް ބޭނުންކުރުމުގެ ދައުވާ ވެސް އޭނާގެ މައްޗަށް އުފުލޭނެއެވެ.



