ސިނާއީ ބޭނުމަށް ތިލަފުށިން ބިން ގަތުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލައި، މިހާރު ކުއްޔަށް ނަގާފައިވާ ބިންތައް މިލްކުކުރެވޭނެ ފުރުސަތު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.
އެޗްޑީސީން ބުނީ ތިލަފުށިން ބީލަމުގެ އުޞޫލުން ސިނާޢީ ބޭނުމަށް ބިން ވިއްކުމަށް ހަމަޖެހިފައިވަނީ ތިލަފުށި ޒޯން އޭގެ އޭރިއާ ބީގައިވާ ނުވިކި ހުރި ބިންތައް ކަމަށެވެ. ވިއްކުމަށް ހަމަޖެހިފައިވާ ބިންތަކަކީ:
ޓައިޕް 1: 4999-2500 އަކަފޫޓުގެ 64 ބިން
ޓައިޕް 2: 9999-5000 އަކަފޫޓުގެ 42 ބިން
ޓައިޕް 3: 10،000-14،999 އަކަފޫޓުގެ ދެ ބިން
އެޗްޑީސީން ބުނީ ބީލަމުގެ އުޞޫލުން ބިން ވިއްކުމަށް ހަމަޖެހިފައިވަނީ 18 އަހަރުފުރިފައިވާ ދިވެހި ރައްޔިތުންނަށާއި %100 ދިވެހި ޙިއްސާ އޮންނަ ކުންފުނިތަކަށް ކަމަށެވެ. އަދި ބީލަން ފެށޭ އަގަކީ 1700 ރުފިޔާކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ ބިން ވިއްކުމަށް ހަމަޖެހިފައިވަނީ ދެ މަރުޙަލާއަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ މަރުޙަލާގައި އޮންނާނީ ޕޯޓަލް މެދުވެރިކޮށް ޝައުޤުވެރިވެލައްވާ ބިމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުން ކަމަށް އެޗްޑީސީން ބުންޏެވެ. އަދި ދެވަނަ މަރުޙަލާގައި އޮންނާނީ އެއް ފަރާތަށްވުރެ ގިނަ ފަރާތުން އީއޯއައި ހުށަހަޅާފައިވާނަމަ އެ ބިމަކަށް ބިޑުކުރުން ކަމަށް އެޗްޑީސީން ބުންޏެވެ.
ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަމުގެ އުޞޫލުން ބިން ގަތުމަށް ހުށަހެޅުމަށް ހަމަޖެހިފައިވަނީ އޮންލައިން ޕޯޓަލް https://bids.hdc.mv މެދުވެރިކޮށް ކަމަށް އެޗްޑީސީން މަޢުލޫމާތުދެއެވެ. އަދި ޕޯޓަލް މެދުވެރިކޮށް ނޫން ގޮތަކަށް ބިން ގަތުމަށް އެދޭނަމަ އެޗްޑީސީގެ ވެބްސައިޓުގައިވާ ފޯމު ފުރިހަމަކުރެއްވުމަށްފަހު sales@hdc.mv އަށް އީމެއިލް ކުރެއްވުމުން، ވިއްކަން ކަނޑައެޅިފައިވާ ބިން ހުރިވަރަކުން އެފަރާތްތަކަށް އެކަމާ ގުޅޭ މަޢުލޫމާތު ޙިއްސާކުރެވިގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ތިލަފުށި ފޭސް 1 އިން ބިން ކުއްޔަށް ނަގާފައިވާ ފަރާތްތަކަށް ބިން މިލްކު ކުރެވޭގޮތަށް ބިން ގަތުމުގެ ފުރުސަތުވެސް ހުޅުވާލާފައިވާއިރު، އެޗްޑީސީން ބުނީ ބިން ގަތުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ ތިލަފުށި ފޭސް 1 އިން 5000 އަކަފޫޓު ނުވަތަ އެޔަށްވުރެ ބޮޑެތި ބިންތައް ކުއްޔަށް ނަގާފައިވާ ފަރާތްތަކަށް ކަމަށެވެ. އެކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުންވެސް އެޗްޑީސީގެ ވެބްސައިޓުގައިވާ ފޯމު ފުރިހަމަކުރެއްވުމަށްފަހު sales@hdc.mv އަށް އީމެއިލް ކުރެއްވުމުން، ވިއްކަން ކަނޑައެޅިފައިވާ ބިން ވިއްކުމާ ގުޅޭ މަޢުލޫމާތު ޙިއްސާކުރެވިގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ އިތުރު މަޢުލޫމާތު ސާފުކުރުމަށް އެ ކޯޕަރޭޝަނުގެ ހޮޓްލައިން 1516 އަށް ގުޅުއްވުމަށެވެ.



