ކުޑަކުދިންގެ އޮރިޔާން ފޮޓޯ ގަތުމުގެ މައްސަލައިގައި ބީބީސީގެ ކުރީގެ ޕްރެޒެންޓަރު ހޫ އެޑްވާޑްސްއަށް 6 މަހުގެ ޖަލު ހުކުމެއް ކޮށްފިއެވެ. 63 އަހަރުގެ އެޑްވާޑްސްއަށް މި މައްސަލައިގައި ކުރެވުނީ ކުޑަކުދިންގެ އޮރިޔާން ކާޑު އުފެއްދުމުގެ ދައުވާއެވެ. އޭނާ ވަނީ އޭނާގެ މައްޗަށް ކުރެވުނު ތިން ދައުވާއަށްވެސް އިއުތިރާފުވެފައެވެ.
އެޑްވާޑްސް ކުށަށް އިއުތިރާފުވެ، އިތުރު ފިޔަވަޅުތަކެއް އަޅަން އެއްބަސްވެފައިވާތީ، އޭނާގެ ހުކުމް ވަނީ ދެ އަހަރަށް ސަސްޕެންޑް ކޮށްފައެވެ. މި މުއްދަތުގައި އިތުރު ކުށެއް ނުކުރާނަމަ، ޖަލު ހުކުމް ތަންފީޒުކުރަން ނުޖެހޭނެއެވެ. އަދި އޭނާ ޖިންސީ ކުށްކުރާ މީހުން އިސްލާހުކުރުމަށް ނަގައިދޭ ފަރުވާ ޕްރޮގްރާމެއްގައި ބައިވެރިވާންޖެހޭނެއެވެ.
ޝަރީއަތުގައި ހާމަކުރެވުނު ގޮތުގައި، އެޑްވާޑްސް ވަނީ 2020 ޑިސެމްބަރު އާއި 2021 އޮގަސްޓު އާ ދެމެދު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ރެކޯޑު އޮތް މީހެއްގެ އަތުން 41 ފޮޓޯ އަދި ވީޑިއޯ ގަނެފައެވެ. މީގެ ތެރޭގައި 7 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންގެ އޮރިޔާން ފޮޓޯތައް ހިމެނެއެވެ.
އެޑްވާޑްސްގެ ވަކީލު ބުނެފައިވަނީ، މި ކުށް ކުރެވުނީ އޭނާގެ ނަފުސާނީ ހާލަތު ރަނގަޅު ނުވުމާއި، ކައިވެނި ރޫޅުމާއި، ބަނގުރާ ބޭނުންކުރުމުގެ ސަބަބުން ކަމަށެވެ. މި މައްސަލައާ ގުޅިގެން އެޑްވާޑްސް ވަނީ ޖިންސީ ކުށްކުރާ މީހުންގެ ދަފްތަރުގައި 7 އަހަރު ވަންދެން ހިމެނުމަށާއި، 4,128 ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށް ޙުކުމްކޮށްފައެވެ.



