ގޫގުލްގެ ލޮގިން ޕޭޖެއްގެ ގޮތުގައި ފޮރުވިފައިވާ ނުރައްކާތެރި މެލްވެއާއެއް ފެތުރެމުންދާ ކަމަށް ސައިބަރ ސެކިއުރިޓީ ދާއިރާގެ ތަޖުރިބާކާރުން ރިޕޯޓުކޮށްފިއެވެ.
މި މެލްވެއާ ބްރައުޒަރު ކިއޮސްކް މޯޑުގައި ލޮކްކޮށް، ގޫގުލްގެ ކްރެޑެންޝަލްތައް ވަގަށް ނެގުމަށް މަސައްކަތްކުރާ ކަމަށް ބުނެއެވެ.
މި މެލްވެއާގެ ސަބަބުން ބްރައުޒަރު ކުއްލިއަކަށް ލޮކްވެ، ގޫގުލް ލޮގިން ޕޭޖެއް ދައްކައެވެ. މިހެންވުމުން ސްކްރީނުން ނުކުތުމަށް އާންމުކޮށް ބޭނުންކުރާ އެސްކޭޕް އަދި އެފް11 ކީތައް މަސައްކަތް ނުކުރާނެއެވެ. މި ހާލަތުގައި ގިނަ ބަޔަކު ލޮގިން މައުލޫމާތު ދޭނެކަމަށް މި މެލްވެއާ ފަރުމާކުރި ފަރާތްތަކުން އުންމީދުކުރެއެވެ.
މި އެޓޭކްގައި ބޭނުންކުރަނީ އަމަޑޭ ނަމަކަށް ކިޔާ މެލްވެއާ ލޯޑާ ޓޫލެކެވެ. ލޮގިން މައުލޫމާތު ވަގަށް ނަގަނީ ސްޓީލްސީ ނަމަކަށް ކިޔާ އިންފޯ-ސްޓީލާ އަކުންނެވެ.
މި މެލްވެއާއާ ކުރިމަތިލާން ޖެހިއްޖެ ހާލަތެއްގައި އެހެން ހޮޓްކީ ކޮމްބޯތައް ބޭނުންކުރުމަށާއި، ކޮމާންޑް ޕްރޮމްޕްޓް ހުޅުވުމަށް ނުވަތަ ހާޑް ރީސެޓްކުރުމަށް ސައިބަރ ސެކިއުރިޓީ ތަޖުރިބާކާރުން ލަފާދެއެވެ.
މި ފަދަ ހާލަތަކާ ކުރިމަތިވެއްޖެ ނަމަ، ގޫގުލްގެ ކްރެޑެންޝަލްތައް ނުދިނުމަށާއި، ވީ އެންމެ އަވަހަކަށް އެންޓިވައިރަސް ސްކޭނެއް ކުރުމަށް އާންމުންނަށް އިލްތިމާސްކޮށްފައިވެއެވެ.



