މީހަކަށް ނޭނގި ޖުމްހޫރީ ޕާޓީގައި ރަޖިސްޓްރީ ކުރި މައްސަލައެއްގައި ދައުލަތުން ކުރި ދައުވާ ސާބިތުނުވެ، ދައުވާ ލިބުނު މީހާ މައްސަލައިން ސަލާމަތްވެއްޖެއެވެ.
މި މައްސަލައިގައި ދައުވާ ކޮށްފައިވަނީ، 2020 ވަނަ އަހަރުގެ ޖެނުއަރީ 14 ވަނަ ދުވަހު މީހަކަށް އެނގުމަކާ ނުލައި، ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި އެ މީހާ ރަޖިސްޓްރީ ކުރުމަށް 'ޕާޓީ މެންބަރަކަށް ވުމަށް އެދޭ ފޯމް' ގައި އޭނާގެ ނަމުގައި ސޮއިކޮށް ފިންގަޕްރިންޓް ޖަހައިފައިވާ ކަމަށް ބުނެއެވެ.
މައްސަލައިގައި ޕާޓީއަށް ރަޖިސްޓްރީވި މީހާ ބުނެފައިވަނީ އޭނާ އެއްވެސް ޕާޓީއެއްގައި ރަޖިސްޓްރީ ވުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ފޯމެއް ހުށަހަޅައިފައިނުވާނެ ކަމަށާއި އޭނާގެ ނަމުގައި ފުރާފައިވާ ފޯމަކީ އޭނާ އަމިއްލައަށް ފުރި ފޯމެއް ނޫން ކަމަށެވެ.
ދައުލަތުން ހުށަހެޅި ހެކީގެ ތެރޭގައި ފުލުހުން ހަދައިފައިވާ ފިންގަޕްރިންޓް ކޮމްޕެރިޒަން ރިޕޯޓެއް ހިމެނެއެވެ. އެ ރިޕޯޓުގައި ވަނީ އަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ފޯމުގައިވާ ފިންގަޕްރިންޓާއި ދައުވާ ލިބޭ ފަރާތުގެ ވައަތުގެ ބޮޑުވާ އިނގިލީގެ ނިޝާން ދިމާވާ ކަމަށް ބަޔާންކޮށްފައެވެ.
ނަމަވެސް، ދައުވާ ލިބޭ ފަރާތުން ވަނީ އޭނާގެ މައްޗަށް ކުރި ދައުވާތަކަށް އިންކާރުކޮށްފައެވެ. ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި އޭނާ ބުނެފައިވަނީ، ޖުމްހޫރީ ޕާޓީއަށް ވަނުމަށް ބޭނުންވާތީ އޭނާ އަމިއްލައަށް ފޯމު ފުރާފައިވާނެ ކަމަށާއި އެކަން ކޮށްފައިވަނީ ފައިސާގެ ބޭނުމުގައި ކަމަށެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ދައުލަތަށް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ. އެހެންކަމުން، ދައުވާ ލިބުނު މީހާ މި މައްސަލައިން ސަލާމަތްވެފައިވެއެވެ.



