ފުނަދޫއިން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި އުމުރުން 60 އަހަރުގެ އެ "ސިހުރިވެރިޔާ" ބަންދުގެ މުއްދަތު ޖެހުމަށް މިއަދު މެންދުރު ކޯޓަށް ހާޒިރު ކުރުމުން އެތަނަށް ރައްޔިތުން އެއްވި ކަމަށެވެ. ގާތްގަނޑަކަށް 300 އަށްވުރެ ގިނަ ރައްޔިތުން އެއްވި ކަމަށް އޭނާ ބުންޏެވެ.
އާންމުވެފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި ބަންދުގެ މުއްދަތު ޖެހުމަށް "ސިހުރުވެރިޔާ" ގެންދިޔަ އިރުގައި ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް އާންމުން ވަދެދާނެތީ ފުލުހުން ތިބީ ރަޔެޓް ގިޔަރުގައި ޝީލްޑާއެކު އެތަނަށް ވަންނަ ދޮރު ބަންދުކޮށްގެނެވެ.
"ސިހުރުވެރިޔާ" ބަންދުގެ މުއްދަތު ޖެހުމަށް ފަހުގައި ކުޅުދުއްފުށްޓަށް ފުރުވާލުމަށް ގެންދަން މަސައްކަތް ކުރުމުން ރައްޔިތުން އެކަމާ ދެކޮޅުހަދައި އަޑުއުފުލިއެވެ.
އެ ވަގުތު އެތަނަށް އެއްވެފައި ތިބި ރައްޔިތުންގެ ގަޔަށް ފުލުހުން ޕެޕާ ސްޕްރޭ ޖެހި ކަމަށް ވެސް އެ މީހާ ބުންޏެވެ. އާންމުންގެ ބަޔަކު ގަދަބާރުން ކޯޓަށް ވަންނަން މަސައްކަތް ކުރުމުން ފުލުހުން ވަނީ ޝީލްޑް ބޭނުންކޮށްގެން އެ މީހުން ދުރުކޮށް އެ މީހުންގެ ތެރެއަށް ޕެޕާ ސްޕްރޭ ޖަހައިފައެވެ.
"ކައިރި ރަށްތަކުން ފުލުހުން ގެނެސްގެން ސިހުރުވެރިޔާ ފުރުވާލީ. އެތަނަށް އެއްވެތިބި ރައްޔިތުން އެ މީހާ ފުރުވާލުމާ ދެކޮޅު ހެދުމުން ފުލުހުން ޕެޕާ ސްޕްރޭ ޖެހީ. ގާތްގަނޑަކަށް 100 އެއްހާ މީހުންނަށް ޕެޕާ ސްޕްރޭގެ އަސަރު ވަނީ ކޮށްފައި." އޭނާ ބުންޏެވެ.
ވީޑިއޯތަކުން ފެންނަ ގޮތުގައި އެ މީހާ ފުލުސް ސްޓޭޝަނުން މެޖިސްޓްރޭޓު ކޯޓާ ހިސާބަށް ގެންދިޔައީ ފުލުހުންގެ ވެހިކަލަކަށް އަރުވައިގެންނެވެ. ފަހުން އެ ވެހިކަލްގެ ޓަޔަރު ބަޔަކު މީހުން ވަނީ ފަޅާލައިފައެވެ.
އެހެންވެ، މެޖިސްޓްރޭޓު ކޯޓުން އޭނާ ބަނދަރާ ހިސާބަށް ގެންދަން ޖެހުނީ ފުލުހުންގެ ހިމާޔަތުގައެވެ. ފުލުހުންގެ ލޯންޗާ ހިސާބަށް އޭނާ ގެންދިޔައީ ރަޔޮޓް ގިއަރާއި ޝީލްޑު ހިފައިގެން ތިބި 10 ވަރަކަށް ފުލުހުން އޭނާގެ ވަށާލައިގެން ތިބެވެ.
އާންމުން ރުޅިގަދަވެ މުޒާހަރާ ކުރަން ނުކުމެ ހަމަނުޖެހުން ހިންގަން ފެށުމުން މަމްދޫހު ވަނީ އެ މީހުން މައިތިރި ކުރަން މަސައްކަތް ކުރައްވައިފައެވެ.
ފުނަދޫގެ ފަސް ގަހަކުން ވަނީ މަމްދޫހަށް ސިހުރު ހަދާ ޖަހާފައި ހުރި ލޮއި ކޮޅުތަކެއް ފެނިފައެވެ. އެ ތަކެތި ހޯދާފައި ވަނީ ރުގްޔާ ކުރާ މީހުންގެ އެހީތެރިކަމާއެކު ކަމަށާއި، ސިހުރު ހަދާފައި ހުރި އިތުރު ގަސްތަކެއް ވެސް ހުންނާނެ ކަމަށް ރުގްޔާ ކުރާ މީހުން ބުނާ ކަމަށް މަޢުލޫމާތު އެނގޭ މީހަކު ކިޔައިދިނެވެ.
މަމްދޫހަށް ސިހުރު ހެދިކަމަށް ތުހުމަތުކުރަނީ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅަށެވެ. އޭނާ އެކަން ކުރީ ރަށުން ބޭރުން މީހަކު ގެނެސްގެން ކަމަށް ދަނީ ތުހުމަތު ކުރަމުންނެވެ. ނަމަވެސް އިބްރާހިމްފުޅު އެކަމަށް ވަނީ އިންކާރުކޮށްފައެވެ.
ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފުނަދޫ ދާއިރާގެ ގޮނޑި މަމްދޫހް ކާމިޔާބު ކުރެއްވީ 1698 ވޯޓުންނެވެ. އެ އިންތިހާބުގައި ވާދަކުރެއްވި އަމިއްލަ ކެނޑިޑޭޓް އިބްރާހިމްފުޅަށް ލިބުނީ 562 ވޯޓެވެ.



