މ. ދިއްގަރުގައި ސްވިމިން ޓްރެކެއް އެޅުމުގެ އަމަލީ މަސައްކަތް މި އަހަރު ފެށޭނެކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ. މިކަން ވަޒީރު ހާމަކުރެއްވީ ދިއްގަރުގައި ކުރިއަށް ގެންދިޔަ "ފަތަމާ ހިނގާ" ޕްރޮގްރާމް ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ކުޅިވަރު ވުޒާރާ އާއި މުލަކު އަތޮޅު ދިއްގަރު ކައުންސިލް އާއި އެ ރަށުގެ ޕޮލިސް ސްޓޭޝަންގެ އިތުރުން ސްވިމިން އެސޯސިއޭޝަނުން ގުޅިގެން ދިއްގަރުގައި ވަނީ ފަތަން ދަސްކޮށްދޭ ހާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފަ އެވެ. މި ޕްރޮގްރާމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދަމުން އަންނަ "ފަތަމާ ހިނގާ" ޕްރޮގްރާމުގެ ބައެކެވެ.
ވަޒީރު ރާފިޢު ވިދާޅުވީ މި ރަށުން އެކަނި 200 އަށްވުރެ ގިނަ ކުދިން މި ޕްރޮގްރާމްގައި ބައިވެރިވެ ފަތަން ދަސްކުރުމަކީ މިކަހަލަ ޕްރޮގްރާމްތައް ކުރިއަށްގެންދަން ލިބުނު ހިތްވަރެއްކަމަށެވެ. އަދި މިހާރު މިރަށަށް ބޭނުންވަނީ ފަތާ ޓްރެކެއްކަމަށާއި، ސަބަބަކީ ފަތަން ދަސްކުރުމަށްފަހު ވާދަވެރި މާހައުލެއްގައި ވާދަކުރަން ޓްރެކެއް އޮތުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި މިރަށުގައި ސްވިމިން ޓްރެކެއް އެޅުމުގެ އަމަލީ މަސައްކަތް ފެށޭނެ" ކަމަށް ވަޒީރު ރާފިޢު ވިދާޅުވިއެވެ. އަދި މި ޕްރޮގްރާމުން އުނގެނުނު އެއްޗެއްގެ ބޭނުން ހިފައި ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރިއަށްގެންދެވޭނެ މަގު ފަހުކޮށްދެއްވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، 200 އަށްވުރެ ގިނަ ސްކޫލް ކުދިންނަށް ފަތަން ދަސްކޮށްދިން މި ޕްރޮގްރާމް ދިއްގަރުގައި ކުރިއަށްގެންގޮސްދިނީ "ފަތަމާ ހިނގާ" ޕްރޮގްރާމްގެ އެމްބެސެޑަރ ނައުފަލް މޫސާ އެވެ.



