މިޔަންމާގައި ފާއިތުވި ދުވަސްތަކުގައި ކުރިމަތިވި ގަދަ ވިއްސާރައާއި ފެންބޮޑުވުމުގެ ސަބަބުން 226 މީހުން މަރުވެ، 77 މީހުން ގެއްލިފައިވާކަމަށް އެ ޤައުމުގެ ރަސްމީ ފަރާތްތަކުން މަޢުލޫމާތު ދީފިއެވެ. މިއީ ތޫފާން ޔާގީގެ ސަބަބުން ކުރިމަތިވި ނުރައްކާތެރި ކާރިސާއެކެވެ.
މި ކާރިސާގައި އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ މިޔަންމާގެ މެދުތެރޭގެ ސަރަހައްދުތަކަށެވެ. މީގެ ތެރޭގައި ނޭޕީދޯ، މަންޑަލޭ އަދި ޝާ ސްޓޭޓް ހިމެނެއެވެ. މި ސަރަހައްދުތަކުގައި ފެންބޮޑުވެ، ގިނަ ޢަދަދެއްގެ ގެތަކަށާއި ދަނޑުބިންތަކަށް ގެއްލުން ލިބިފައިވެއެވެ. ލިބިފައިވާ މަޢުލޫމާތުތަކުން ދައްކާގޮތުގައި 26,700 އަށްވުރެ ގިނަ ގެ އަދި 40,000 އޭކަރުގެ ދަނޑުބިން މި ކާރިސާގައި ހަލާކުވެފައިވެއެވެ.
މި ކާރިސާގެ ސަބަބުން ގެދޮރު ގެއްލުނު ފަރާތްތަކަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި 338 ވަގުތީ ހިޔާ ގާއިމު ކުރެވިފައިވާކަމަށް ރަސްމީ ފަރާތްތަކުން ބުނެއެވެ. ނަމަވެސް، ގެއްލުން ލިބުނު ސަރަހައްދުތަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށް އެ ފަރާތްތަކުން ފާހަގަކުރެއެވެ.
މި ކާރިސާގެ އަސަރު މިޔަންމާގެ އިތުރުން އެހެން ޤައުމުތަކަށްވެސް ކޮށްފައިވެއެވެ. ވިއެޓްނާމުގައި 292 މީހުން މަރުވެފައިވާއިރު، ތައިލެންޑުގައި 45 މީހުން މަރުވެފައިވެއެވެ. ތައިލެންޑުގެ ގިނަ ސަރަޙައްދުތަކެއްގައި ބިންގަނޑު ކެނޑުމާއި ކިސަޑު ފޭބުމުގެ ނުރައްކާތެރި ހާދިސާތައް ހިނގައިފައި ވެއެވެ.
ލާއޯސްގައިވެސް މި ކާރިސާގެ ސަބަބުން 3 މީހުން މަރުވެފައިވާ ކަމަށް އެ ޤައުމުގެ ރަސްމީ ފަރާތްތަކުން ބުނެއެވެ. އަދި 440 އަށްވުރެ ގިނަ ޢާއިލާ ރައްކާތެރި ތަންތަނަށް ބަދަލުކުރެވިފައި ވެއެވެ. ލާއޯސްގެ 8 ޕްރޮވިންސްގައި ފެންބޮޑުވެ، 7,825 އޭކަރުގެ ދަނޑުބިމަށް ގެއްލުން ލިބިފައިވާކަމަށް އެ ޤައުމުގެ ރަސްމީ ފަރާތްތަކުން މަޢުލޫމާތު ދީފައިވެއެވެ.



