ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަޖިލީހުން އިސްތިއުފާ ދެއްވައިފިއެވެ.
އިސްތިއުފާ ދެއްވާ މަޖިލީހަށް ޖާބިރު ފޮނުއްވި ސިޓީގައި ލިޔުއްވާފައިވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގިނަ ގޮނޑިތަކެއް ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ލިބިގެން ދިއުމަކީ ކުރިއަރަމުން އަންނަ ޑިމޮކްރަސީ ފަހަތަށް ސޮއްސާލައިގެން ދިޔަ ކަމެއް ކަމަށެވެ. އަދި ޖާބިރު މަޖިލީހަށް ވާދަކުރެއްވުމަށް މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓު ލިބުމުން ޕާޓީން ބޭރުކޮށް، ޕްރައިމަރީގައި ވާދަނުކުރާ މީހަކަށް ޓިކެޓު ދިނުމަކީ ޑިމޮކްރަސީގެ ރީތި އުޞޫލުތަކާއި ޚިލާފު ކަމެއް ކަމަށްވެސް ޖާބިރު ބުނެފައިވެއެވެ.
ޖާބިރު އެމްޑީޕީން ވަކިކޮށްފައިވަނީ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވާދަކޮށް ޓިކެޓު ކާމިޔާބުކުރައްވާފައި ވަނިކޮށެވެ. އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން މިގޮތަށް ނިންމީ އެ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައެއް ބެލުމަށް ފަހު، އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުރެ އާންމު އިޖުތިމާއީ މިންގަނޑާ ހިލާފަށް ރައްޔިތުންނާ ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށް މަސްލަހަތު ގެއްލޭ ގޮތަށް ޖާބިރު ތަކުރާރުކޮށް އަމަލުކުރަމުން ގެންދާތީ ކަމަށް ބުނެއެވެ.
އެކަމާ ގުޅޭ ގޮތުން ޖާބިރު ވިދާޅުވެފައިވަނީ ކާށިދޫ ދާއިރާއަށް ވާދަކުރަން ޓިކެޓު ދިނީ ރައްޔިތުންގެ ވޯޓަކުން ކަމަށާއި އެމްޑީޕީން ވަކިކުރި ނަމަވެސް އިންތިހާބުގައި ވާދަކޮށް ގޮނޑި ކާމިޔާބު ކުރައްވާނެ ކަމަށެވެ. ނަމަވެސް އަމިއްލަ ގޮތުން ވާދަކުރައްވައިގެން މިފަހަރުގެ އިންތިޚާބުގައި ޖާބިރު ވަނީ ނާކާމިޔާބުވެވަޑައިގެންފައެވެ. އެގޮތުން ކާށިދޫ ދާއިރާގެ ގޮނޑި ބޮޑު މެޖޯރިޓީ އާއެކު ކާމިޔާބު ކުރައްވާފައި ވަނީ ޕީއެންސީގެ ކެންޑިޑޭޓް މުންތަޒިމް އިބްރާހިމްއެވެ.



