އިސްލާމީ ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިންޓެލެކްޗުއަލް އެޑްވާންސްމަންޓަށް މިއަހަރު 169 ކަރުދާސް ލިބިފައިވާކަމަށް އެ ޔުނިވަރސިޓީން ހާމަކޮށްފިއެވެ.
މިއީ މިހާތަނަށް އެންމެ ގިނަ ކަރުދާސް ލިބުނު އަހަރުކަމަށް އައިޔޫއެމުން ވަނީ ބުނެފައެވެ.
މި ކޮންފަރެންސަކީ ސިލްސިލާކޮށް ބާއްވަމުން އަންނަ ކޮންފަރެންސެއް ކަމަށާއި، މިއީ މި ކޮންފަރެންސް ބާއްވާ 9 ވަނަ އަހަރު ކަމަށް އައިޔޫއެމުން ބުންޏެވެ. އައިޔޫއެމްގެ ސެންޓަރ ފޯރ ރިސަރޗް އެންޑް ޕަބްލިކޭޝަންގެ ޑީން ޑރ. އައިމިނަތު ޝާފިޔާ އާދަމް ވިދާޅުވީ، މިހާތަނަށް 8 އަހަރު މި ކޮންފަރެންސް ބާއްވާފައިވާއިރު 1800 ވަރަކަށް ދިރާސާވެރިން ބައިވެރިވެފައިވާ ކަމަށެވެ.
މިއަހަރުގެ ކޮންފަރެންސްގައި 85 ބައިނަލްއަޤްވާމީ ކަރުދާސް ހިމެނޭކަމަށް ޑރ. ޝާފިޔާ ފާހަގަކުރެއްވިއެވެ. އަދި މިއަހަރުގެ ކޮންފަރެންސްގައި މެލޭޝިއާ، ބުރުނާއި، އިންޑޮނޭޝިއާގެ ޔުނިވަރސިޓީތަކުން ވަރަށް ބޮޑު ތަރުޚީބެއް ލިބިފައިވާކަމަށްވެސް އައިޔޫއެމުން ވަނީ ފާހަގަކޮށްފައެވެ.
މި ކޮންފަރެންސްގައި އެންމެ ގިނައިން ކަރުދާސް ލިބިފައިވަނީ ތައުލީމީ ދާއިރާއިން ކަމަށާއި، ޤާނޫނީ ދާއިރާ އަދި މެނޭޖްމަންޓްގެ ދާއިރާއިންވެސް ކަރުދާސްތައް ލިބިފައިވާކަމަށް އައިޔޫއެމުން ބުންޏެވެ. އަދި ގިނައިން ކަރުދާސް ހުށައަޅާފައިވަނީ އިނގިރޭސިބަހުން ކަމަށާއި، ދިވެހި ބަހުންނާއި އަރަބި ބަހުންވެސް ކަރުދާސްތައް ލިބިފައިވާކަމަށް އައިޔޫއެމުން އިން ބުންޏެވެ.
މި ކޮންފަރެންސް އޮންނާނީ މިމަހުގެ 28 އިން 29 އަށް ކަމަށް އައިޔޫއެމުން ބުންޏެވެ.



