ދެމަފިރިންގެ މެދުގައި މައްސަލަ ޖެހި، ޚިޔާލު ތަފާތުވުން އުފެދޭ ޙާލަތުގައި ކެތްތެރިވެ، ރުޅީގެ މައްޗަށް ބުއްދި އިސްކޮށް ނަބަވީ އިރުޝާދުގައި ބަޔާން ކޮށްފައިވާ ގޮތަށް ޢަމަލު ކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.
ޚުތުބާގައި ބުނީ ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތަކުގައި ވަރަށް ތާކުންތާކު ނުޖެހޭ ސަބަބުތަކުގައި ބައެއް ފަހަރަށް ޢާއިލީ ގުޅުމުގައި ނިމުމުގެ ސިއްކަ ޖެހިފައިވާކަމަށެވެ. ވަރުގަދަ މީހާއަކީ އޮޅުލައި ގަދަވާ މީހާ ނޫން ކަމަށާއި، ވަރުގަދަ މީހާއަކީ ރުޅިއަންނަ ހިނދު އަމިއްލަ ނަފްސު ކޮންޓްރޯލްކުރާ މީހާ ކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ ބައެއް މީހުން ދެމަފިރިންގެ މެދުގައި ފިތުނައިގެ އަލިފާން ރޯކުރާ ކަމަށާއި، މުސްލިމުންގެ ގޯތި ގެދޮރު ހަލާކުކޮށް ދެމަފިރިންގެ ދެމެދު ފަސާދަކުރާ ކަމަށެވެ. އޭގެ ސަބަބުން ޢާއިލާތައް ބިކަވެ މައިންބަފައިންގެ ލޯބިން ދަރިން މަޙުރޫމްވާކަމަށާއި، ދެމަފިރިންގެ މެދުގައި މައްސަލައެއް އުފެދިއްޖެނަމަ އެ މައްސަލައެއް ޙައްލު ކުރާނީ އެދެމެފިރިން ކަމަށް ޚުތުބާގައި ބުންޏެވެ. ނުވަތަ ދެމަފިރިން އިތުބާރުކުރާ މީހަކާ މަޝްވަރާކޮށްގެން ޙައްލު ކުރެވޭނެ ކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ ފާއިތުވި ތިން އަހަރުގެ ތެރޭގައި ފެމެލީ ކޯޓަށް ވަރިވުމަށް އެދި 3820 ވަރި ހުށަހަޅާފައިވާކަމަށެވެ. 2021 ގައި 1193 ވަރި، 2022 ގައި 146 ވަރި، 2023 ގައި 1281 ވަރި ރަޖިސްޓްރީ ކުރެވިފައިވާކަމަށް ފެމެލީ ކޯޓުގެ މަޢުލޫމާތުތަކުން ދައްކާކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ ފެމެލީ ކޯޓުގެ މަޢުލޫމާތުތަކުން އެނގޭ ގޮތުގައި ޢާންމުކޮށް ވަރިކުރުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ލޯތްބާއި އޯގާތެރިކަން ކުޑަވުމާއި، ހަޑިހުތުރު ބަހުން ވާހަކަ ދެއްކުމާއި، ޒުވާބު ކުރުމާއި، ތަޅައި އަނިޔާ ކުރުމާއި، މަސްތުވާތަކެތި ބޭނުން ކުރުމާއި، ޝައްކު ކުރުމާއި، އިތުބާރު ނުކުރުމާއި، ޒިންމާދާރުކަން ކުޑަވުމާއި، މިޒާޖު ތަފާތުވުމާއި، ދޮގުވާހަކަތައް ދައްކައި ބަދުނާމު ކުރުމާއި، ޢާއިލީ ގުޅުންތައް ނުބޭއްވުމާއި، ދީނީ ކަންކަމަށް ފަރުވާ ކުޑަކުރުމާއި، ޙައްޤުތައް ބަރާބަރަށް އަދާނުކުރުމާއި، ޤަވާޢިދުން ޚަރަދު ނުކުރުމާއި، ދަރިން ކުރިމަތީގައި ތަޅައި އަނިޔާކުރުން ހިމެނޭ ކަމަށެވެ.
ޚުތުބާގައި ބުނީ ކައިވެންޏަކީ މާތް ﷲ ދެއްވާ ނިޢުމަތެއް ކަމަށާއި އަނބިމީހާ އަދި ފިރިމީހާވެސް ކައިވެނީގެ އަޤުދަށް ރައްކާތެރިވާންވާނެ ކަމަށެވެ. ކަން އެހެން އޮތް ނަމަވެސް ބައެއް ފިރިން އެ ގަދަފަދަ ވެގެންވާ ޢަހުދާ މެދު ފަރުވާކުޑަކޮށް މާތް الله ދެއްވި ނިޢުމަތަށް ފުރަގަސްދީ ކާފިރުވެ، "ވަރި" ބަހަށް ފަރުވާ ކުޑަކުރާކަމަށް ޚުތުބާގައި ބުންޏެވެ. އެގޮތުން ބައެއް ފިރިން އަނބިމީހާގެ ބޯމައްޗަށް ދިއްކުރާ ހަތިޔާރަކަށް މި ބަސް ހަދައި، ހުރިހާ ހިނދެއްގައި އަނބިންނަށް އިންޒާރު ދެމުން ގެންދާކަމަށް ޚުތުބާގައި ބުންޏެވެ. ޚުތުބާގައި ބުނީ އިސްލާމް ދީނުގައި ވަރިކުރުމުގެ ބާރު ފިރިމީހާއަށް ދީފައިވަނީ ބޭނުންވާ ކޮންމެ ވަގުތަކު އަނބިމީހާއަށް އެބަހުން އިންޒާރު ދިނުމަށް ނޫން ކަމަށެވެ.
ޚުތުބާގައި ބުނީ ދެމަފިރިންގެ މެދުގައި ގުޅުން ގޯސްވެ އެއްވެސް ޙައްލެއް ނުފެނިއްޖެނަމަ، ވަރި ހުއްދަވާނެ ކަމާމެދު ޝައްކެއް ނެތް ނަމަވެސް އަނބިމީހާ ބޭނުމެއް ނެތި ވަރިއަށް އެދުމަކީ ދީނުގައި ނަހީ ކުރައްވާފައިވާ ކަމެއް ކަމަށެވެ. އެގޮތުން އެއްވެސް ސަބަބެއްނެތި ފިރިމީހާގެ ކިބައިން ވަރިއަށް އެދޭ ކޮންމެ އަންހެނަކަށް ސުވަރުގޭގެ ވަސް ޙަރާމްވެގެންދާނެ ކަމަށާއި ވަރިއަކީ ދަރިން ބިކަވެ، ތަރުބިއްޔަތު ނުކުރެވި، މަގުމަތިވެ މަގުން ކަސިޔާރުވުމުގެ ސަބަބެއް ކަމަށް ޚުތުބާގައި ބުންޏެވެ.



