ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މި މަޤާމަށް ޢައްޔަނުކުރެވޭ ފަރާތުގެ މުއްދަތަކީ 5 އަހަރު ދުވަސް ކަމަށާއި، މުސާރައިގެ ގޮތުގައި މަހަކު 47،500 ރުފިޔާ ލިބޭނެ ކަމަށެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި، އިދާރީ ނުވަތަ ޤާނޫނީ ދާއިރާއިން ޑިގްރީއެއް ހާސިލުކޮށްފައިވުން ނުވަތަ 10 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ. މީގެ އިތުރުން، ކުރިމަތިލާ ފަރާތަކީީ މުސްލިމް ދިވެހި ރައްޔިތެއް ކަމުގައިވުމާއި، އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްނުވާ މީހެއް ކަމުގައިވުން ލާޒިމު ކަމަށް ޢިއުލާނުގައި ބުނެފައިވެއެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ކޯޓުތަކުގެ އިދާރީ އޮނިގަނޑު އެކުލަވާލުމާއި މުވައްޒަފުންގެ ކަންކަން ބެލެހެއްޓުން ހިމެނެއެވެ.
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަންވާނީ ފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ ސެޕްޓެންބަރު 26 ވަނަ ދުވަހުގެ 13:00 ކަމުގައި އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.
މި މަޤާމަށް ޤާބިލު ފަރާތެއް ހޯދުމަކީ ޝަރުޢީ ދާއިރާގެ އިދާރީ ހިންގުން ހަރުދަނާކޮށް، ޢަދުލު އިންސާފު ޤާއިމުކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.



