ރާއްޖޭގައި ނޫސްވެރިކަމުގެ ދާއިރާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ލިބޭ އެއްޗަކުން ދެކޮޅު ޖެހޭނެ އާމުދަނީއެއް ހޯދަން އޮތް ދަތިކަންކަމުގައި ފާހަގަކުރައްވައި، ދައުލަތުގެ ބަޖެޓުން ނޫސްމީޑިއާތަކަށް ކަނޑައެޅޭ ވަކި އިނާޔަތެއް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
ރައީސްގެ ޚިޠާބުގައި އެމަނިކުފާނު ވަނީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ނޫސްވެރިންނަށް ފޮނުއްވައި ނޫސްވެރީންގެ އަގުހުރި އަދި ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވައި ތަޢުރީފު ކުރައްވާފައެވެ.
ރައީސްގެ ޚިޠާބުގައި ޤައުމެއްގެ ދެމިއޮތުމާ ކުރިއެރުމުގައި ނޫސްވެރީންގެ ބައިވެރިވުމާއި ޚިދުމަތް ވަރަށް މުހިންމުކަމުގައި ފާހަގަކުރައްވާފައިވެއެވެ. އަދި ރެއާދުވާލު ހިނގަމުންދާ ކަންކަމުގެ ޚަބަރު ހޯދައި ފޯރުކޮށްދިނުމާ، މުޖްތަމަޢު ހޭލުންތެރިކުރުވުމާއި، ސަރުކާރާ ރައްޔިތުންނާ ދެމެދު ގުޅުވައިދިނުމާއި، ދައުލަތުގެ ކަންކަން ހިނގާ ނުހިނގާގޮތް ރައްޔިތުންނަށް ބުނެދިނުމާއި، ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވުމުގައިވެސް ނޫސްވެރީންގެ ދައުރު އަދާކުރުން ބޭނުންތެރިކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ. އެގޮތުން ނޫސްވެރިންގެ ހުށަހެޅުންތަކާއި، އުންމީދުތައް ދެނެގަނެ، އެކަންކަން ހަގީގަތަކަށް ހަދައިދިނުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ނޫސްވެރީން މަސައްކަތްކުރާނެ އޮފީސް ޖާގަ އަގުހެޔޮކޮށް ލިބޭނެ މީޑިއާ ވިލެޖެއް ބިނާކުރުމާއި، އެކި ދާއިރާތަކުން ތަޢުލީމާއި ތަމްރީނުގެ ފުރުޞަތު މީޑިއާތަކަށް އިތުރުކޮށްދިނުމާއި، ޚަބަރު ފެތުރުމުގެ ދާއިރާ ކުރިއަރުވަން އުފައްދާފައިވާ ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި ދިވެހި ނޫސްވެރީންނާ ގުޅުން ބަދަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގައިވެސް ރައީސްގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ. އަދި ސަރުކާރުގެ އަމާޒަކީ، ޓީވީ، ރޭޑިއޯ، ކަރުދާސް އަދި އިންޓަނެޓާއި ޒަމާނީ ޓެކްނޮލޮޖީއާއެކު ކުރިއަރަމުން އަންނަ ހުރިހާ ބާވަތެއްގެ ނޫސްވެރިކަމަށްވެސް ފަހި މާޙައުލެއް ރާއްޖޭގައި ދެމެހެއްޓުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއަދުގެ ޚިޠާބުގައި ރައީސް ވަނީ ތެދު މަޢުލޫމާތު ފެތުރުމަށް ބާރުއަޅުއްވާފައެވެ. އަދި ލިބޭ ކޮންމެ ޚަބަރަކާމެދު ފުންކޮށް ވިސްނުމާ، ކޮންމެ ކަމެއްގެ ހަގީގަތްވެސް ހޯދައިބެލުމަށްވެސް، އެންމެން ސަމާލުވުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.
ރައީސްގެ ޚިޠާބު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ނޫސްވެރީންގެ ޤައުމީ މަސްއޫލިއްޔަތާ ވާޖިބު ހެޔޮ ގޮތުގައި އިޚްލާޞްތެރިކަމާއެކު އަދާކޮށްދިނުންމަތީ ދެމިތިބުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ޤައުމު ބިނާކޮށް، ޙާލަތު ރަނގަޅުކޮށް، ރައްޔިތުން އެދޭ އަމާޒަށް ޤައުމު ގެންދިއުމަށް ފަށާފައިމިވާ ދަތުރުގައި ސަރުކާރާއި، ނޫސްވެރީންނާއި، ޚިދުމަތްތެރީންނާއި، ހުރިހާ ރައްޔިތުންވެސް އަތުގުޅާލައިގެން އެއްބައިވަންތަކަމާއެކު ކުރިއަށް ދިއުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.



