މާލެއަށް ނިސްބަތްވާ އަޙްމަދު މިފްޒާލްގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ދަޢުވާ ސާބިތުވެ، އުމުރަށް ޖަލަށްލުމަށާއި 100،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން މިމަހުގެ 16 ވަނަ ދުވަހު ޙުކުމްކޮށްފިއެވެ.
ކޯޓުން ނިންމާފައިވަނީ މިފްޒާލް ބަންދުގައި ހޭދަކޮށްފައިވާ 39 ދުވަހާއި 25 މިނެޓް، 40 ދުވަސް ނުވަތަ 1 މަހާއި 10 ދުވަސް ކަމަށް ކަނޑައަޅައި، 25 އަހަރުގެ ޖަލު ޙުކުމެއް އިއްވުމަށެވެ. އެހެންކަމުން، މިފްޒާލް ތަންފީޛުކުރަންޖެހޭނީ 24 އަހަރާއި 10 މަހާއި 20 ދުވަހުގެ ޖަލު ޙުކުމެއް ކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވެއެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ 2019 ޖޫން 27 ވަނަ ދުވަހު އައްޑޫ ސިޓީ ފޭދޫއިން ޏ. ފުވައްމުލަކަށް ދަތުރުކުރި ފެރީއެއްގައި ފުލުހުން ހިންގި އޮޕަރޭޝަނަކުންނެވެ. އެ އޮޕަރޭޝަނުގައި މިފްޒާލް ލައިގެން ހުރި ބޮކްސާ ތެރެއިން 100.8972 ގްރާމް ޑައިމޯފިން ވަނީ ފެނިފައެވެ.. މީގެ ސާފު ބަރުދަނަކީ 83.0233 ގްރާމް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިފްޒާލް މި ދަޢުވާއަށް އިންކާރުކުރި ނަމަވެސް، ޝަރީޢަތުން ނިންމީ މައްސަލަ ކުރިއަށް ގެންދިއުމަށެވެ. އަދި ހުށަހެޅުނު ހެކިތަކުގެ މައްޗަށް ބިނާކޮށް މިފްޒާލްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި، އުމުރަށް ޖަލަށްލުމަށާއި ޖޫރިމަނާކުރުމަށް ވަނީ ޙުކުމްކޮށްފައެވެ.



