ލޯނު ނަގައިގެން ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމް ހާސިލުކުރަން ބޭނުންވާ ދަރިވަރުންނަށް ސްޓޫޑެންޑް ލޯނަށް އެދުމަށް ހުޅުވާލި ފުރުޞަތުގައި 1709 ދަރިވަރުން ފޯމު ހުށަހަޅާފައިވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުޞަތު އެންމެ ފުރަތަމަ ހުޅުވާލާފައިވަނީ މިދިޔަ ފެބްރުވަރީ މަހުގެ 29 ވަނަ ދުވަހުއެވެ. އޭގެ ފަހުން މިދިޔަ އެޕްރީލް މަހުގެ 27 ވަނަ ދުވަހު ސަރުކާރުން ވަނީ މިއަދުގެ ނިޔަލަށް މުއްދަތު އިތުރުކޮށްފައެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަދުގެ 13:30 އަށް ސުންގަޑި ހަމަވެފައިވާއިރު ފޯމު ހުށަހަޅާފައިވަނީ 1709 ދަރިވަރުން ކަމަށެވެ. އަދި ދެން ކުރިއަށްދާނީ ފޯމުތައް ބަލައި ޗެކް ކުރުމުގެ މަސައްކަތް ކަމަށް މިނިސްޓްރީން ބުންޏެވެ.
ސްޓޫޑަންޑް ލޯނު ސްކީމްގެ ދަށުން މިފަހަރު ހުޅުވާލާފައިވަނީ 500 ފުރުޞަތެވެ. އޭގެ ތެރެއިން 370 ފުރުޞަތު އަލަށް ކިޔަވަން ފަށަން ބޭނުންވާ ދަރިވަރުންނަށް ޚާއްސަކޮށްފައިވާއިރު، 130 ފުރުޞަތު ޚާއްސަކޮށްފައިވަނީ ކިޔަވަމުންދާ ކެޓަގަރީއަށެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ މި ލޯނު ސްކީމުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށްވެސް ޚާއްސަކޮށްފައިވާ ކަމަށެވެ. އެގޮތުން އެފަދަ ކުދިންގެ ހާލަތަށް ރިއާޔަތްކުރުމަށްފަހު ކޯސް ފުރިހަމަ ކުރުމަށް ބޭނުންވާ ޙަރަދު ދިނުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.
ހަރަޔ އެޑިއުކޭޝަންގެ މިނިސްޓަރ ޑރ މަރިޔަމް މާރިޔާ މީގެ ކުރިން ވިދާޅުވެފައިވަނީ ސްޓޫޑެންޓް ލޯނަށް ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ކަމަށެވެ.



