ރަމަޟާން މަހު ބޭނުންކޮށްފައިވާ ކަރަންޓަށް ޑިސްކައުންޓުދޭން ސްޓެލްކޯއިން ނިންމައިފިއެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ނިމިދިޔަ ރަމަޝާން މަހު ބޭނުންކޮށްފައިވާ ކަރަންޓަށް ޑިސްކައުންޓް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
ފަހުމީ ވިދާޅުވީ މިހާރު ފޮނުވާފައިވާ ބިލްތައް އެ ބަދަލާ އެއްގޮތަށް އަދާހަމަކުރުމަށްފަހު ވީ އެންމެ އަވަހަކަށް ކަސްޓަމަރުންނަށް ފޮނުވިގެންދާނެ ކަމަށެވެ. އަދި ސަރުކާރުގެ ހަރުދަނާ، އޯގާތެރި ސިޔާސަތުތަކާއި އެއްގޮތަށް ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށް ކޮށްދެވެންހުރި ހުރިހާ ކަމެއް ކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަޤީންކަން އަރުވާކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.
ރޯދަމަހަށް ރައްޔިތުންނަށް ލުޔެއް ދިނުމުގެ ގޮތުން ސަރުކާރުން ދިން ޑިސްކައުންޓުގެ ދަށުން ހުރިހާ ކަރަންޓު އަދި ފެން ބިލުތަކުން ޑިސްކައުންޓުގެ ގޮތުގައި 25 މިލިއަން ރުފިޔާ ކަނޑާފައިވާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.



