އައްޑޫ ސިޓީ ފޭދޫގައި ހިންގާ ސްޕާއަކުން 5 މީހުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އައްޑޫ ފޭދޫގައި ހިންގި އޮޕަރޭޝަނެއްގައި އެރަށުގައި ސްޕާއެއްގެ ގޮތުގައި ހިންގާ ތަނެއް ބަލައި ފާސްކޮށް 5 މީހުން އިއްޔެ ހައްޔަރުކޮށްފައިވާކަމަށެވެ. ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ދިވެހި ދެ ފިރިހެނުންނާއި ތައިލެންޑު 3 އަންހެނުން ކަމަށެވެ.
އެމީހުންނާ ގުޅޭ އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައި ނުވާއިރު، އެމީހުން ހައްޔަރުކޮށްފައިވަނީ ކޮން ތުހުމަތެއްގައި ކަންވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ސެލޫނާއި ސްޕާގެ ނަމުގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ ތަންތަން ދެނެގަނެ، ފިޔަވަޅު އެޅުމުގެ މަސައްކަތް ހޯމްލޭންޑް މިނިސްޓްރީއާއި ފުލުހުން ގުޅިގެން ކުރަމުން އަންނަ އިރު، ހަށިވިއްކުމަށްޓަކައި ޓެލެގްރާމް ޗެނަލްތައްވެސް ހިންގާކަން ވަނީ ފާހަގަކުރެވިފައެވެ.
ފުލުހުން އިއްޔެ ވަނީ "އެމްވީ ކޯލް ގާލްސް"ގެ ނަމުގައި މަސްތުވާތަކެއްޗާއި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ އިތުރު ޓެލެގްރާމް ޗެނަލެއް ހުއްޓުވާފައެވެ.
ފުލުހުން ވަނީ މީގެ ކުރިންވެސް އެއް ބަޔަކު ވެގެން އެކި ނަންނަމުގައި ހިންގަމުން ދިޔަ ޓެލެގްރާމް ގްރޫޕެއް ސީލްކޮށްފައެވެ. އެ މައްސަލައިގައި ތިން މީހަކު ހައްޔަރުކުރި ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އެ މައްސަލައިގައި ހައްޔަރުކުރި ތިންވަނަ މީހަކީ ހަށިވިއްކުމުގެ ވިޔަފާރިއަށް ރާއްޖެއިން ބޭރުން ގެނެސްފައި ތިބި މީހުންނާއި ދިވެހިން އެއްތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރަމުން ދިޔަ ޓެކްސީގެ ޑްރައިވަރެވެ.



