ފަލަސްތީނަށް އިންސާފު ހޯދައިދިނުމާ ދެކޮޅަށް ދޭ އެންމެ ވޯޓަކީވެސް އިންސާފަށް ބީރުކަންފަތެއް ދިނުން ކަމަށާއި އެ ވޯޓަކީ ލަދުވެތި ވޯޓެއް ކަމަށް ރާއްޖެއިން ބުނެފިއެވެ.
އދ.ގެ އާންމު މަޖިލީހުގެ 78 ވަނަ ކޮންވެންޝަންގައި ރާއްޖޭގެ ފަރާތުން ހައުސިންގ މިނިސްޓަރ ޑރ އަލީ ހައިދަރު ވަނީ ވަރުގަދަ މެސެޖެއް ދެއްވާފައެވެ. އެ ކޮންވެންޝަންގައި ވާހަކަދައްކަވަމުން ހައިދަރު ވިދާޅުވެފައިވަނީ ފަލަސްތީނަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ އަޑުތައް ކަނޑުވާލުމަށް ދޭ އެންމެ ވޯޓަކީވެސް ލަދުވެތި ވޯޓެއް ކަމަށެވެ.
ހައިދަރު ވިދާޅުވީ ސަލާމަތީ މަޖިލީހުގައި ނެގި އެންމެ ވޯޓެއްގެ ސަބަބުން ފަލަސްތީނަކީ އދ.ގެ ފުރިހަމަ މެމްބަރު ޤައުމަކަށް ވުމަށް ހުރަސް އަޅާފައިވާކަމަށެވެ. އަދި ސަލާމަތީ މަޖިލީހުގެ 12 މެމްބަރު ޤައުމު ހިމެނޭ ގޮތަށް އާންމު މަޖިލީހުގެ 140 އަށް ވުރެ ގިނަ މެމްބަރު ޤައުމުތަކުން ގޮވާލި ނަމަވެސް ފަލަސްތީނަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ގޮވާލުންތަކަށް އެންމެ ވޯޓަކުން ހުރަސް އެޅުމުގެ ފުރުސަތު އޮތުމަކީ ލަދުވެތިކަމެއް ކަމަށް ހައިދަރު ވިދާޅުވިއެވެ.
ފަލަސްތީނުގެ ހައްޤުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޔުނިވާސިޓީތަކާއި މަގުތަކާއި ސިޓީތަކުގައި ސުލްހަވެރިކަމާއެކު މުޒާހަރާކުރަމުން އަންނަކަން ފާހަގަކުރައްވާ ހައިދަރު ވިދާޅުވީ އދ.ގެ 193 މެންބަރުންގެ ތެރެއިން އެއް ޤައުމަކުން، ފަލަސްތީނުގެ ހައްޤުގައި ގޮވާލާ ގޮވާލުންތަކަށް ނުކިޔަމަންތެރިވެފައިވާ ކަމަށެވެ. އަދި އެ އެއް ވޯޓާއެކު އދ.ގެ ސަލާމަތީ މަޖިލީހުން އަނެއްކާވެސް "ފެއިލް"ވެފައިވާކަމަށް ހައިދަރު ވިދާޅުވިއެވެ.
ހައިދަރު ވިދާޅުވީ އދ.ގެ އާންމު މަޖިލީހުގެ 78 ވަނަ ކޮންވެންޝަންގައި ވާހަކަދައްކަވަމުން ދާއިރުވެސް އިޒްރޭލުން ފަލަސްތީނުގައި މީހުން މެރުމުގެ ޢަމަލުތައް ހިންގަމުން ގެންދާ ކަމަށެވެ. އަދި ރަޙުމްކުޑަ، އަނިޔާވެރި އަދި ބިރުވެރި އަމަލުތައް ވަގުތުން ފެނި، ތާރީޚުގައި ލިޔެވިގެންދާއިރު، ފަލަސްތީނުގެ ހަށިތައް ހޯދަމުން ދަނީ ބޮޑެތި ގަބުރުސްތާނުތަކުން ކަމަށް ހައިދަރު ވިދާޅުވިއެވެ.
ހައިދަރު ވިދާޅުވީ ފަލަސްތީނުގެ އާއިލާތައް ކުޑަކުދިންގެ އަމިއްލަ އަތުން ވަޅުލާ މަންޒަރަކީ އެއްވެސް ޙާލެއްގައި ދޮގު ކަމަށް ޤަބޫލުކުރެވޭނެ ޙާލަތެއް ނެތް ކަމަށެވެ. އަދި އެކަންތައްތައް ހިނގާކަމީ ސަލާމަތީ މަޖިލީހަށް ނޭނގޭ ކަމަށް ބުނެވޭނެ ކަމެއް ނޫން ކަމަށް ހައިދަރު ވިދާޅުވިއެވެ.
ހައިދަރު ވިދާޅުވީ އިޒްރޭލުން ފަލަސްތީނުގައި ދެމުން އަންނަ ޙަމަލާތަކާއި ގުޅިގެން ފަލަސްތީނުގެ މިލިއަނަކަށްވުރެ ގިނަ އާންމުން ރަފާ ސިޓީގައި ހިމާޔަތް ހޯދަމުން އަންނައިރު، އެ ސިޓީއަށް އަމާޒުކޮށް ތަކުރާރުކޮށް ޙަމަލާދެމުން އަންނަކަމީވެސް ޖަރީމާގެ ސިފައެއް ކަމަށެވެ.
ހައިދަރު ވިދާޅުވީ މިއީ އާންމު މަޖިލީހުން ވީޓޯ އުވާލަންވީ ވަގުތު ކަމަށާއި އެ ވީޓޯގެ ސަބަބުން އިޒްރޭލަށް ލާއިންސާނީ އަމަލުތައް ހިނގުމަށް ހިތްވަރު ލިބިފައިވާކަމަށެވެ. އަދި އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުން ފޭބުމަށާއި، ފަލަސްތީނުގެ ބިންތައް ދޫކޮށް ދާން މަޖުބޫރުވި ރެފިއުޖީންނަށް އަނބުރާ ފަލަސްތީނަށް ދިއުމުގެ ފުރުޞަތު ދިނުމަށް ހައިދަރު ވަނީ ގޮވާލާފައެވެ.
ފަލަސްތީނުގެ ހައްޤުގައި މީގެ ކުރިންވެސް ރާއްޖެއިން ވަނީ ބައިނަލްއަޤުވާމީ ފެންވަރުގައި އަޑުއުފުލާފައެވެ. ނަމަވެސް މިހާ ވަރުގަދަ ބަސްތަކެއް ބުނެ، ބައިނަލްއަޤުވާމީ ޤައުމުތަކަށް ދިވެހިރާއްޖެއިން ވަރުގަދަ މެސެޖެއް ދިން މިއީ ފުރަތަމަ ފަހަރެވެ.
އިޒްރޭލުން ފަލަސްތީނުގައި ހިންގަމުން އަންނަ ޙަމަލާތަކުގައި މިހާތަނަށް ވަނީ 34,596 މީހުން ޝަހީދުވެ، 77,816 މީހުން ޒަޚަމްވެފައެވެ.



