އިދިކޮޅު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބު ނާކާމިޔާބުވި ސަބަބު ބަލައި ދިރާސާކުރުމަށް އެ ޕާޓީން ނިންމައިފިއެވެ.
އެމްޑީޕީން ރޭ ބޭއްވި އެ ޕާޓީގެ ޤައުމީ މަޖިލީހުގައި ވަނީ އެ ޕާޓީއަށް އިންތިޚާބު ގެއްލުނު ސަބަބު ދިރާސާކުރުމަށްފަހު އެ ޕާޓީން ކުރިއަށްދާނެ ގޮތުގެ މަގުޗާޓޭއް އެކުލަވާލުމަށް ނިންމާފައެވެ.
ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ނާކާމިޔާބީއަށްފަހު، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެ ޕާޓީއަށް ކާމިޔާބު ކުރެވުނީ 12 ގޮނޑިއެވެ.
އެމްޑީޕީގެ ޤައުމީ މަޖިލީހަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ އެމްޑީޕީ އަލުން ތަރުތީބުވެގެން ނުކުމެ އެ ޕާޓީގެ ފަލްސަފާތަކާއި އެއްގޮތަށް ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ޕާޓީގެ މެމްބަރުން އަތާއި އަތް ގުޅާލައިގެން އަނެއްކާވެސް ބާރަށް މަސައްކަތް ފަށާނެ ކަމަށެވެ.
އެމްޑީޕީން ފުރަތަމަ ދިރާސާކުރުމަށް ނިންމާފައިވަނީ އެ ޕާޓީއަށް އިންތިޚާބު ގެއްލިގެންދިޔަ ސަބަބު ދެނެގަތުމަށެވެ. އަދި އެޔަށްފަހު އެމްޑީޕީއާ ދޭތެރޭ ރައްޔިތުން ދެކޭގޮތް ބެލުމަށްފަހު ޕާޓީ ބިނާކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޑީޕީން ބުންޏެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ ދިރާސާގައި ބެލުމަށް ނިންމާފައިވަނީ އެމްޑީޕީއަށް އިންތިޚާބުގައި ނާކާމިޔާބުވީ އެ ޕާޓީގެ ކެމްޕެއިން ކުރިއަށް ގެންދިޔަ ގޮތުންތޯ ނުވަތަ ލީޑަރޝިޕުގެ މައްސަލައެއްގެ ސަބަބުންތޯ ބެލުމަށެވެ. އަދި ރާއްޖޭގެ ސިޔާސީ މާޙައުލަށް އައިސްފައިވާ ބަދަލަކީވެސް ކޮބާތޯ ބަލާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ފައްޔާޒް ވިދާޅުވީ ދެން ކުރިއަށްދާނެ ގޮތެއް އިނގޭނީ އެ ދިރާސާއަށް ބެލުމަށްފަހު ކަމަށެވެ.
ރިޔާސީ އިންތިޚާބަށް ފަހު މަޖިލިސް އިންތިޚާބުގައިވެސް އެމްޑީޕީއަށް ނާކާމިޔާބުވުމުން ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި އަންނަނީ އެމްޑީޕީގެ ލީޑަރޝިޕް އިސްތިއުފާ ދިނުމަށް ގޮވާލަމުންނެވެ. އެކަމާ ގުޅޭ ގޮތުން ފައްޔާޒް ވިދާޅުވީ އެންމެ ފަހުން ބޭއްވި ބޮޑު ދެ އިންތިޚާބުން ނާކާމިޔާބުވުމަކީ ޕާޓީގެ އިސްބޭފުޅުން އިސްތިއުފާ ދެއްވަން ޖެހޭ ސަބަބެއް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށާއި ލީޑަރޝިޕްގެ އެއްވެސް ބޭފުޅަކު އެފަދަ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށެވެ.
ފައްޔާޒް ވިދާޅުވީ އެމްޑީޕީ މި ޤައުމުގައި އޮތުމަކީ ދިވެހި ރައްޔިތުންނަށް ވަރަށް މުހިންމު ކަމެއް ކަމަށާއި އެކަމަށް އުނިވާނެ އެއްވެސް ކަމެއް ޕާޓީން ނުކުރާނެ ކަމަށެވެ.



