ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން އިން ތިނަދޫ ސިޓީގެ ގެތަކުން ކުނި ނެގުމުގެ ޚިދުމަތް ފެށުމާ ގުޅޭ އެންމެ ފަހުގެ ތައްޔާރީތަކާ ބެހޭ ގޮތުން މަޝްވަރާ ކޮށްފިއެވެ.
ތިނަދޫ ސިޓީ ކައުންސިލުން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ތިނަދޫ ސިޓީގެ ކުނި މެނޭޖް ކުރުމަށް ވެމްކޯއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ގޭބިސީތަކުން ކުނި ނަގަން ފެށުމަށްޓަކައި ވަމުންދާ އެންމެ ފަހުގެ ތައްޔާރީތަކާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް ތިނަދޫ ސިޓީ ކައުންސިލާއެކު މިއަދު ބައްދަލުވުން ބޭއްވި ކަމަށެވެ.
ތިނަދޫ ސިޓީގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ވެމްކޯގެ މުވައްޒަފުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ތިނަދޫގެ ގޭބިސީތަކުން ރަސްމީކޮށް ކުނި ނަގަން ފެށުމުގެ ކުރިން ކުރަންޖެހޭ ކަންކަން ކުރުމުގެ މަސައްކަތްވެސް އެކުންފުނިން އަންނަނީ ކުރަމުންނެވެ.
ވެމްކޯގެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމަކީ އެ ކުންފުނީގެ އެންމެ ބޮޑު އަމާޒެވެ. އެގޮތުން އަތޮޅުތައް ޒޯންތަކަށް ބަހާލައި ވޭސްޓް މެނޭޖްމަންޓް ސެންޓަރުތަކެއް އެ ސަރަހައްދުތަކުގައި ޤާއިމުކޮށް ކައިރި ސަރަޙައްދުން ކުނި މެނޭޖްކުރެވޭނެ ޕްރޮޖެކްޓްތަކެއް ވެމްކޯއިން އަންނަނީ ހިންގަމުންނެވެ.



