ދެކުނުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި 61 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ދެކުނުގެ ރަށެއްގެ އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މިދިޔަ މަހުގެ 28 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 61 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި ކުއްޖާ އަށް ޖިންސީ ގޯނާކުރި މައްސަލަ ހޫނުވެ، އެމީހާ ހައްޔަރު ނުކުރާތީ އެރަށުގައި މުޒާހަރާވެސް ކުރިއެވެ.
ކުޑަކުދިންނާ ގުޅޭ މިފަދަ މައްސަލަތަކަކީ ވަރަށް ސީރިއަސް ގޮތެއްގައި ތަހުގީގު ކުރަމުންދާ މައްސަލަތަކެވެ.



