ރާއްޖެއާއި ޗައިނާ އާދެމެދު އަސްކަރީ ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރެއްވީ ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މަަޢުމޫން، 11 ވަނަ ބެއިޖިން ޝަންގް ޝަން ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަަތުރުފުޅުގައި އެޤައުމުގެ ދިފާޢީ ވަޒީރު ޑޮންގް ޖުންއާ ބައްދަލުކުރައްވައެވެ.
ޝަންގް ޝަން ފޯރަމަކީ އޭޝިޔާ ޕެސިފިކް ޤައުމުތަކުގެ އަސްކަރީ ދާއިރާގެ އިސްވެރިން ބައިވެރިވާ މުހިންމު ފޯރަމެކެވެ.
ދިފާޢީ ވުޒާރާއިން ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަައިވަނީ، މިބައްދަލުކުރެއްވުމުގައި ރާއްޖެއާއި ޗައިނާއާ ދެމެދު އަސްކަރީ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެވުނު ކަމަށެވެ.
މިބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްކަމުގައިވާ ދިވެހި އަސްކަރިއްޔާ އިތުރަށް ބާރުވެރިކޮށް، ދިވެހީން އަމިއްލައަށް ދިވެހިރާއްޖޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މިގޮތުން، ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިވެހި ސިފައިންގެ ޚިދުމަތަށް "އެއަރ ކޯ" ތަޢާރަފުކުރެވި، ވައިގެ މަގުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ޤާބިލުކަން ދިވެހި އަސްކަރިއްޔާއަށް ލިބިގެންގޮސްފައިވެއެވެ.
އަދި ހަމައެހެންމެ، ރާއްޖޭގައި ފުރަތަމަ ފަހަރަށް އަސްކަރީ ޑްރޯން ބޭނުންކުރަން ފަށާފައިވާއިރު، ކުރިއަށް އޮތްތަނުގައި ޑްރޯން އިތުރުކޮށް، ކަނޑާއި އެއްގަމާއި ވައިގެ އުޅަނދުތައް ސިފައިންގެ ޚިދުމަތަށް އިތުރުކުރައްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.



