ރާއްޖޭގައި ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ ޗިކުންގުންޔާއާ ގުޅިގެން މާލެ އަދި ހުޅުމާލެ ފޮގުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މިދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަދުވަސްވަރަކަށް ވާތީ، މަދިރި ކޮންޓްރޯލް ކުރުމަށްޓަކައި މާލެ ސިޓީގެ އެކި ސަރަޙައްދުތައް ފޮގުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އެގޮތުން މަދިރި އާލާވާ ތަންތަން ނައްތާލުމަށް އިސްކަން ދިނުމަށްޓަކައި އާއްމު ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށް މާލެ ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
ހުޅުމާލޭގެ އެކި ސަރަޙައްދުތައް ފޮގުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވެސް ވަނީ ބުނެފައެވެ.
ޗިކުންގުންޔާ ހަލުވިކަމާއެކު ފެތުރެމުން އަންނަކަމަށާއި ބަލި ޖެހިފައިވާ މީހުންގެ އަދަދު 134 އަށް އަރާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއްޔެ ވަނީ ބުނެފައެވެ.
އެޗްޕީއޭއިން ބުނީ ޗިކުންގުންޔާ އިން ރައްކާތެރިވުމަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ. މިދިޔަ 5 ހަފްތާގެ ތެރޭގައި 134 ކޭސް ފެނިފައިވާއިރު، އޭގެ ތެރޭގައި ގިނައީ މާލެ ސަރަޙައްދުން ފެނިފައިވާ ކޭސްތައް ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އެގޮތުން މާލެ ސަރަޙައްދުން ޗިކުންގުންޔާގެ 130 ކޭސް ފެނިފައިވާއިރު ބާކީ 4 ކޭސް ފެނިފައިވަނީ ހއ. އަތޮޅު، ބ. އަތޮޅު އަދި ށ. އަތޮޅުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
މާލެއިން މިހާތަނަށް 96 ޗިކުންގުންޔާ ކޭސް ފެނިފައިވާއިރު، ހުޅުމާލެއިން ވަނީ 34 ކޭސް ފެނިފައިކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭ އިން ބުނީ ޗިކުންގުންޔާ ޖެހުމުން ރައްކާތެރިވުމަށްޓަކައި މަދިރި ހެފުމުން ރައްކާތެރިވުމަށްވެސް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ. އެގޮތުން ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާވާގޮތަށް ފޭރާން ލުމާއި، ކުޑަދޮރު ފަދަ ތަންތަނުގައި މަދިރި ދާ ޖެހުމާއި، މަދިރި ގިނަވާ ވަގުތުތަކުގައި ދޮރާއި ކުޑަދޮރުތައް ލެއްޕުމާއި، މަދިރި ހެފުމުން ރައްކާތެރިވުމަށް މަދިރި ލޯޝަން ބޭނުންކުރުން ހިމެނެއެވެ.
މީގެ އިތުރުން ޗިކުންގުންޔާ ޖެހިއްޖެނަމަ ބައްޔަށް ފަރުވާކުރުމަށްޓަކައި ގިނަގިނައިން ދިޔާ އެއްޗެތި ބޭނުންކުރުމާއި، އަރާމުކުރުމާއި، ހަށިގަނޑަށް ފައިދާހުރި ކާނާ ބޭނުންކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.



