ހުޅުމާލޭގައި މަސައްކަތްކުރާ ބިދޭސީންނަށް އަމާޒުކޮށްގެން މަޢުލޫމާތު ދިނުމުގެ ހަރަކާތެއް ހުޅުމާލެގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިއްޔެ ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތް ބޭއްވުނީ ހުޅުމާލޭގައި ހުންނަ ޖޭއެމްސީ ސައިޓުގައެވެ.
ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި ، މި ހަރަކާތުގައި ބިދޭސީންނަށް ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމުގެ އިތުރުން، އަމިއްލަ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ މަޢުލޫމާތު ވަނީ ހިއްސާކޮށްފައިއެވެ. އަދި ކުށަށް ހުށަނޭޅޭނެ ގޮތަށް ޢަމަލުތައް ބެހެއްޓުމަށް އިރުޝާދު ދިނުމާއެކު، އެއްގަމު އުޅަނދު ދުއްވުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައްޗަށްވެސް އަލިއަޅުވާލެވުނު ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، މި ހަރަކާތުގައި ދެވުނު މަޢުލޫމާތުތައް ވަނީ ހިންދީ ބަހުން ފޯރުކޮށްދެވިފައެވެ. މީގެ އިތުރުން، މިފަދަ ޕްރޮގްރާމްތައް މާލެއާއި އަތޮޅުތެރޭގައިވެސް ފުލުހުން ދަނީ ހިންގަމުންނެވެ.
މި ހަރަކާތަކީ ބިދޭސީ މަސައްކަތްތެރިންގެ މެދުގައި ޤާނޫނީ ހޭލުންތެރިކަން އިތުރުކުރުމަށާއި، އެމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ބައެއްކަމަށާއި މިފަދަ ހަރަކާތްތަކުން ބިދޭސީންނާއި ފުލުހުންނާ ދެމެދު އޮންނަ ގުޅުން ބަދަހިވެ، ކުށްކުރުން މަދުކުރުމަށް މަގުފަހިވާނެކަމަށް ފުލުހުން ބުންޏެވެ.



