ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ނިޒާމުގެ ތެރެއަށް ގެނައުމަށްޓަކައި ހޯމްލޭންޑް މިނިސްޓްރީން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" މިއަދު ފަށައިފިއެވެ.
މި އޮޕަރޭޝަން މިއަދު ފަށާފައިވަނީ ކ.ހިންމަފުށީގައެވެ. މި އޮޕަރޭޝަނަކީ ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް ހޯމްލޭންޑް މިނިސްޓްރީއާއި ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ހިންގާ އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހޯމްލޭންޑް މިނިސްޓަރ އަލީ އިޙުސާން ވިދާޅުވީ މި އޮޕަރޭޝަނުގެ މަޤުޞަދަކީ ރާއްޖޭގައި ތިބި ބިދޭސީން ހިފާ ހައްޔަރުކޮށް އަނބުރާ ޤައުމަށް ފޮނުވާލުން ނޫންކަމަށާއި، މި އޮޕަރޭޝަނުގެ ފުލް ސްކޭލް ފޯކަސްއަކީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަނެ އެމީހުން ތިބީ ކޮންތާކުތޯއާއި އެމީހުން ކުރަމުން އަންނަ މަސައްކަތާއި އެމީހުންގެ އައިޑެންޓިޓީއަކީ ކޮބައިތޯ ކަށަވަރުކުރުން ކަމަށެވެ.
އިޙުސާން ވިދާޅުވީ ހިންމަފުށީގައި ކޮންސްޓްރަކްޝަން މަސައްކަތާއި ކެއްކުމާއި ކުނި ކެހުމުގެ މަސައްކަތުގައިވެސް ބިދޭސީން އުޅޭއިރު، އޭގެ ތެރެއިން ބައެއް ބިދޭސީންނަކީ ޤަވާއިދާ ޚިލާފަށް އުޅޭ މީހުންކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އިޙުސާން ވިދާޅުވީ އެއް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ބިދޭސީންގެ ތެރެއިން ޤަވާއިދާ ޚިލާފަށް މަސައްކަތްކުރަމުން އަންނަ ބިދޭސީން ނިޒާމުގެ ތެރެއަށް ގެންނާނެ ކަމަށެވެ. އަދި ހިންމަފުށީގައި މިއަދު ފެށުނު އޮޕަރޭޝަނުގެ ދަށުން އެރަށުގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންގެ ފިންގަޕްރިންޓާއި ފޮޓޯގްރެފިކް އައިޑެންޓިފިކޭޝަނާއި ބައޮމެޓްރިކް ޑާޓާ އެއްކޮށް އެފަރާތްތަކުގެ މަޢުލޫމާތު ސިސްޓަމަށް ނެގިގެންދާނެ ކަމަށް އިޙުސާން ވިދާޅުވިއެވެ.
އިޙުސާން ވިދާޅުވީ ބިދޭސީ މީހާ ރާއްޖެ ގެނައީ ކޮން ފަރާތަކުންތޯ މި އޮޕަރޭޝަނުގެ ތެރެއިން ދެނެގަނެވިގެންދާނެ ކަމަށެވެ.
އިޙުސާން ވިދާޅުވީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ޤައުމީ ސެކިއުރިޓީއަށް އޮތް ނުރައްކަލެއްގެ ގޮތުގައި ބަލަމުންދާ ކަމެއް ކަމަށެވެ. އަދި ރާއްޖޭޣައި ޤަވާއިދު ހެދިފައި އޮންނަ ގޮތުން އެކަކުގެ ނަމުގައި ނުވަތަ އެއް ކުންފުންޏެއްގެ ނަމުގައި ރާއްޖެ އެތެރެކޮށްފައި ހުންނަ މީހަކު އެހެން ކުންފުންޏެއްގައި މަސައްކަތް ކުރަން ދިއުމަކީ އޭގެ ޒާތުގައި ޤަވާއިދާ ޚިލާފުވުން ކަމަށާއި އެ މައްސަލަ ރާއްޖޭގައި ވަރަށް އާންމުވެފައިވާކަމަށް އިޙުސާން ވިދާޅުވިއެވެ.
ރާއްޖޭގެ ރަށްރަށުގައި ތިބޭ ބިދޭސީންގެ ދަފްތަރު ބެލެހެއްޓުމަށްޓަކައި މިނިސްޓްރީގެ ޑޭޓާތަކުގެ އެކްސެސް ކައުންސިލްތަކަށް ދޭނެކަމަށްވެސް އިޙުސާން ވިދާޅުވިއެވެ. އިޙުސާން ވިދާޅުވީ އެހެން ހެދުމަށް ނިންމީ މިހާރު އޮތް ހާލަތުން ކައުންސިލްތަކަށް އެކަން ކުރަން އުނދަގޫވާނެތީ ކަމަށެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި އެއްކޮށް ހައްލުކުރާނެ ކަމަށް އިޙުސާން ވަނީ ވިދާޅުވެފައެވެ.



