ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 5 ވަނަ އިންތިޚާބު އަންނަ ޖޫން މަހުގެ އެއްވަނަ ދުވަހު ބާއްވާގޮތަށް ނިންމައިފިއެވެ.
ސްވިމިންގ އެސޯސިއޭޝަނުން ބުނީ އެ އެސޯސިއޭޝަންގެ 5 ވަނަ އިންތިޚާބު ޖޫން 1 ގައި ބާއްވަން ނިންމާފައިވާއިރު، އިންތިޚާބު އޮންނާނީ އެކަމަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ޚާއްސަ ޖަލްސާއެއްގައި ކަމަށެވެ.
އިންތިޚާބުގެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު މި މަހުގެ 13 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ވޯޓާސް ރަޖިސްޓްރީގައި ހިމެނުމަށް 2024 ވަނަ އަހަރުގެ މެމްބަރޝިޕް ފީ ދެއްކުމަށް މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
ސްވިމިންގ އެސޯސިއޭޝަނުން ހިންގާ ކޮމިޓީއަށް މެމްބަރުން އިންތިޚާބުކުރުމަށް ހަމަޖެހިފައިވާ މަޤާމުތަކަކީ:
އެސޯސިއޭޝަންގެ ރައީސް
އެސޯސިއޭޝަންގެ ނައިބު ރައީސް
އެސޯސިއޭޝަންގެ ހަޒާންދާރު
އެސޯސިއޭޝަންގެ މެމްބަރު ކްލަބުތަކުން އިންތިޚާބުކުރާ އެއް މެމްބަރު
އެސޯސިއޭޝަން މެމްބަރު ކޯޗުންގެ ތެރެއިން އިންތިޚާބުކުރާ އެއް މެމްބަރު
އެސޯސިއޭޝަންގެ މެމްބަރު ޓެކްނިކަލް އޮފިޝަލުންގެ ތެރެއިން އިންތިޚާބުކުރާ އެއް މެމްބަރު
އެސޯސިއޭޝަންގެ ވަކި މެމްބަރުންގެ ތެރެއިން އިންތިޚާބުކުރާ 2 މެމްބަރުން
ސްވިމިންގ އެސޯސިއޭޝަނުން ވަނީ އިންތިޚާބާއި ގުޅޭގޮތުން ކޮށްފައިވާ އިއުލާނާއެކު އިންތިޚާބާއި ބެހޭ ޤަވާއިދުވެސް އާއްމުކޮށްފައެވެ. އަދި އިންތިޚާބުގައި ވާދަކުރުމަށް ހުށަހަޅާނެ ފޯމުވެސް ވަނީ އާއްމުކޮށްފައެވެ.
ސްވިމިންގ އެސޯސިއޭޝަނުން ބުނީ އިންތިޚާބު ކުރިއަށްގެންދިއުމަށް ބާއްވާ ޚާއްސަ ޖަލްސާ އޮންނާނީ ސޯޝަލް ސެންޓަރުގައި ކަމަށެވެ.



