ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށް ފަށާފައިވާ އިންޓެގްރޭޓަޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް (އާރްޓީއެލް) މަޝްރޫޢުގެ މިނިސްޓީރިއަލް ސްޓިއަރިންގ ކޮމިޓީއަށް އަލުން މެމްބަރުން އައްޔަންކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އާރްޓީއެލް މަޝްރޫޢުގެ މިނިސްޓީރިއަލް ސްޓިއަރިންގ ކޮމިޓީއަށް އަލުން މެމްބަރުން އައްޔަންކޮށް، 29 އެޕްރީލް 2024 ވަނަ ދުވަހު ކޮމިޓީގެ ބައްދަލުވުންތައް ފަށާފައިވާކަމަށެވެ. އަދި އާރްޓީއެލް މަޝްރޫޢު ދެން ކުރިއަށްގެންދާނީ އަލަށް އުފެއްދި ކޮމިޓީގެ ލަފަޔާއި ނިންމުންތަކާއެކު ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.
އާރްޓީއެލްގެ ނިޒާމަށް ބައެއް ބަދަލުތައް ގެންނަން ނިންމާފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީން ވަނީ ދާދި ފަހުން ވިދާޅުވެފައެވެ. އަމީން އޭރު ވިދާޅުވީ ހަ ޒޯނަކަށް ރާއްޖެ ބަހާލައިގެން އެމްޓީސީސީއާ ހަވާލުކޮށްގެން 3 ޒޯނެއްގައި ފެރީގެ ޚިދުމަތް ކުރިއަށްގެންދާއިރު، އެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށްޓަކައި އިސްލާޙުތަކެއް ގެންނަން ޖެހޭ ކަމަށެވެ.
އަމީން ވިދާޅުވީ ކުރީ ސަރުކާރުން އާރުޓީއެލްގެ ޚިދުމަތް ފަށާފައިވަނީ އެންމެ ފުރިހަމަ ގޮތަށް ނޫން ކަމަށާއި، ފެރީގެ ރޫޓުތައްވެސް ކަނޑައަޅާފައިވަނީ ރައްޔިތުންނަށް އެންމެ އެދެވޭ ގޮތަށް ނޫން ކަމަށެވެ. އެކަންތައްތައް ބަދަލުކުރުމުގެ މަސައްކަތް ޓްރާންސްޕޯޓް މިނިސްޓްރީން ކުރަމުން އަންނަކަން ފާހަގަކުރައްވާ އަމީން ވިދާޅުވެފައިވަނީ ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ބަދަލުތައް ގެންނާނެ ކަމަށެވެ.
އެމްޓީސީސީން ދެމުން އަންނަ އާރުޓީއެލް ޚިދުމަތުގައި 105 ބަސް އަދި 25 ފެރީ އުޅަނދު ބޭނުންކުރެއެވެ.



