ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފިއެވެ.
"ވިމެންސް ވިންގް" ގެ ނަމުގައި ގޮތްޕެއް ހެދުމަށް ނިންމާފައިވަނީ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިދިޔަ އަންގާރަ ދުވަހު ބޭއްވި މަހާސިންތާއެއްގައެވެ.
ޑީޖޭއޭއިން ބުނީ އަންހެން ފަނޑިޔާރުންނަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން އެ މަހާސިންތާގައި މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އަންހެނުންނަށް ކުރިމަތިވާ ކަންކަމުގައި ޝަރުޢީ ދާއިރާގެ ޚިދުމަތްތައް ވަރުގަދަ ކުރުމަށް ވެސް އެ މަހާސިންތާގައި މަޝްވަރާކޮށްފައިވާކަމަށް ޑީޖޭއޭއިން ބުންޏެވެ.
މީގެ އިތުރުން ޑީޖޭއޭއިން ބުނީ ގެވެށި އަނިޔާއާއި ޖިންސީ ކުށްތަކާއި ގުޅިގެން ކޯޓުތަކުން އިންސާފު ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުންނާއި އަނިޔާ ލިބޭ ފަރާތްތަކަށް އިންސާފު ހޯދުމުގައި ދިމާވާ ދަތިތަކާ އެ ކަންކަން ޙައްލުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުންވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ.
ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމަކީ އަންހެނުންގެ ހަމަހަމަ ޙިއްސާ ލިބިގެންވާ އިންސާފުވެރި، ނަޒާހާތްތެރި އަދި ރައްޔިތުންގެ އިތުބާރާއި އިޙުތިރާމް ލިބިގެންވާ އަދުލުވެރި ހަރުދަނާ ނިޒާމަކަށް ހެދުން މުހިންމު ކަމަށް ޑީޖޭއޭ އިން ބުންޏެވެ.



