ކާވާ ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕް 2024 ގެ ފައިނަލްގައި ބަލިވި ނަމަވެސް ދިވެހި ޤައުމީ ޓީމުން ދެއްކި ހިތްވަރާއި ޢަޒުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ، މުހައްމަދު މުއިއްޒު ސާބަސް ދެއްވައިފިއެވެ.
މި މެޗުގައި ތިންސެޓު ދެސެޓުން ކާމިޔާބުކުރީ ކިރްގިސްތާނެވެ.
"ދިވެހި ޤައުމީ ޓީމުގެ ހިތްވަރާއި ޢަޒުމަށް ވަރަށް ބޮޑަށް ސާބަސްދެން. އިތުރު ކާމިޔާބީއާއި ކުރިއެރުން އެދެން". ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.
ފައިނަލް މުބާރާތް ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފެވެ. ދިވެހި ޤައުމީ ޓީމަށް ހިތްވަރު ދިނުމަށްޓަކައި، ސަރުކާރުގެ ވަޒީރުންނާއި، އެކި މުއައްސަސާތަކުގެ އިސްވެރިންނާއި، އަދި ގިނަ އަދަދެއްގެ ކުޅިވަރު ލޯބިވެރިން ވަނީ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ކޯޓަށް ޙާޟިރުވެފައެވެ.
މި މުބާރާތުގައި ޖުމްލަ 4 ޤައުމެއް ބައިވެރިވިއެވެ. އެއީ ދިވެހިރާއްޖެ، ކިރްގިސްތާން، ތަޖިކިސްތާން އަދި އަފްޣާނިސްތާނެވެ. މި މުބާރާތުގައި ދިވެހި ޓީމުން ދެއްކި ފެންވަރާއި ކުޅުމުން ގިނަ ބައެއްގެ ތަޢުރީފު ލިބިފައިވެއެވެ.
މި މުބާރާތުގައި ދިވެހި ޓީމުން ދައްކާފައިވާ ކުޅުމަކީ ޤައުމީ ވޮލީބޯޅަ ކުރިއެރުވުމަށް ބާރަކަށްވާނެ ކަމަށް ކުޅިވަރުގެ ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރެއެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ތަމްރީނުތަކާއި ވާދަވެރި މުބާރާތްތަކުގައި ބައިވެރިވުމަކީ މުހިންމު ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.



