ރާއްޖެއިން ނަގާފައިވާ ދަރަނިތައް އަދާކުރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތްކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފައިއެވެ. މިކަން އެމްއެމްއޭއިން ހާމަކޮށްފައިވަނީ ކްރެޑިޓް ރޭޓިން އެޖޖެންސީއެއްކަމަށްވާ މޫޑިސްއިން ރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓިންގ ބަދަލުކުރުމާއި ގުޅިގެންނެވެ.
މޫޑިސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ސީއޭއޭ1 އިން ސީއޭއޭ2 އަށް ދަށްކޮށްފައިވަނީ ބޮޑެތި ދަރަނިތައް އިތުރުވުމާއި، އެމްޑީޕީގެ ސަރުކާރުން 8 ބިލިއަން ރުފިޔާ ޗާޕުކުރުމުގެ ސަބަބުން ބޭރު ފައިސާގެ ޑިމާންޑް އިތުރުވުމާއި ގުޅިގެންނެވެ.
އެމްއެމްއޭއިން ލަފާކުރާގޮތުގައި މިއަހަރު އުފެއްދުންތެރިކަން 4.9% އަށް ކުރިއަރާނެއެވެ. އަދި 2025 ގައި އުފެއްދުންތެރިކަން 6.5% ގައި ހުންނާނެކަމަށް ލަފާކުރެއެވެ. މީގެ އިތުރުން، ފަތުރުވެރިކަން ކުރިއަރާނެ ކަމަށްވެސް ލަފާކުރެވެއެވެ.
އޮގަސްޓް މަހާއި ހަމައަށް 1.3 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމަށް އެމްއެމްއޭއިން ހާމަކޮށްފައިވެއެވެ. އަދި އޮގަސްޓު މަހު ނިމުނުއިރު ރާއްޖޭގެ ޖުމްލަ ރިޒާވް 444 މިލިއަން ޑޮލަރަށް އަރާފައިވާކަމަށް ބުނެފައިވެއެވެ. 2024 ނިމޭއިރު ރަސްމީ ރިޒާވް 606 މިލިއަން ޑޮލަރަށްވުރެ އިތުރުވާނެކަމަށް އަންދާޒާކުރެވެއެވެ.
އެމްއެމްއޭއިން އިތުރަށް ބުނެފައިވަނީ ފައިސާ ޗާޕްކުރުމުން ބޭންކިންގ ނިޒާމުގައި 6.7 ބިލިއަން ރުފިޔާގެ ސާޕްލަސް ލިކުއިޑިޓީ އުފެދިފައިވާކަމަށެވެ. އަދި ބޭރުފައިސާގެ ބާޒާރުގެ ގޮންޖެހުންތައް ހައްލުކުރުމަށް މަނިޓަރީ ގަވާއިދު އިސްލާހު ކުރެވޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.
ރާއްޖޭން ނަގާފައިވާ ބޮންޑަށް އަންނަ މަހު ދައްކަންޖެހޭ ފައިސާ ދެއްކުމަށް ދަތިކަމެއް ނެތްކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގެ ދަރަނި ދެއްކޭނެކަމުގެ ޔަގީންކަން އޮތްކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.



