މަސްތުވާތަކެއްޗާއި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ އިތުރު ޓެލެގްރާމް ޗެނަލެއް ފުލުހުން ހުއްޓުވައިފިއެވެ.
ފުލުހުން ބުނީ "އެމްވީ ކޯލް ގާލްސް"ގެ ނަމުގައި ހިންގަމުން ދިޔަ ޗެނަލެއް ފުލުހުންގެ ބާރުގެ ދަށަށް ގެނެސް މައްސަލައިގެ ތަހުގީގު ފަށާފައިވާކަމަށެވެ.
މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިވޭތޯ ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ވަނީ މީގެ ކުރިންވެސް އެއް ބަޔަކު ވެގެން އެކި ނަންނަމުގައި ހިންގަމުން ދިޔަ ޓެލެގްރާމް ގްރޫޕެއް ސީލްކޮށްފައެވެ. އެމީހުން ދިޔައީ ޖަޒީރާ އެޑްމިން، ޖަޒީރާ ގާލްސް، ޖަޒީރާ އެސްކޯޓް ގެލަރީ، ޖަޒީރާ ސްކޭމް އެލާޓް، ޖަޒީރާ ލިންކް ޚަބަރުގެ ނަމުގައި ޓެލެގްރާމް ގްރޫޕްތައް ހިންގަމުންނެވެ.
އެ މައްސަލައިގައި ތިން މީހަކު ހައްޔަރުކުރި ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އެ މައްސަލައިގައި ހައްޔަރުކުރި ތިންވަނަ މީހަކީ ހަށިވިއްކުމުގެ ވިޔަފާރިއަށް ރާއްޖެއިން ބޭރުން ގެނެސްފައި ތިބި މީހުންނާއި ދިވެހިން އެއްތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރަމުން ދިޔަ ޓެކްސީގެ ޑްރައިވަރެވެ.
އެ މައްސަލައިގައި ހައްޔަރު ކުރި ތިން މީހުންނަށް ބަންދު ޖަހާފައިވާއިރު އެމީހުންގެ މައްޗަށް ކުރަމުން އަންނަނީ މަނީ ލޯންޑްރިންއާއި، ޑްރަގް ޓްރެފިކިންގ އަދި ހަށިވިއްކުމާއި ހަށިވިއްކުމަށް ހިތްވަރުދިނުމާއި އޮރިޔާން ކާޑު އުފެއްދުމާއި، އޮރިޔާން ކާޑު ބެހުމުގެ ކުށުގެ ތުހުމަތެވެ.



