އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ އިމާމުން ތާޒާކުރުމުގެ ޕްރޮގުރާމުގެ ދަށުން 6 އަތޮޅެއްގެ 272 އިމާމުން ތަމްރީނުކުރަން ފަށައިފި ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ބުނީ އެ ހަ އަތޮޅަކީ ނ، ރ، ފ، ދ، ތ އަދި ލ އެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މި ޕްރޮގުރާމުގެ އަމާޒަކީ ރާއްޖޭގެ މިސްކިތްތަކުގައި ދާއިމީ ގޮތެއްގައި އިމާމްވެ ނަމާދުކުރާ ހުރިހާ އިމާމުންވެސް ތާޒާކޮށް ނިންމުމެވެ.
އިމާމުން ތާޒާކުރުމުގެ ގައުމީ މަޝްރޫއުގެ ދަށުން މިހާތަނަށް 157 އިމާމުން ވަނީ ތަމްރީނުކޮށްފައެވެ. މީގެ ތެރޭގައި ގއ އަދި ގދ އަތޮޅުން 77 އިމާމުންނާއި، ފުވައްމުލަކުން 40 އިމާމުންނާއި، މ އަދި ވ އަތޮޅުން 40 އިމާމުން ހިމެނެއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވެފައިވާ ގޮތުގައި މި ޕްރޮގުރާމުގައި ޖުމްލަ 9 މާއްދާއެއް ކިޔަވައިދެއެވެ. މީގެ ތެރޭގައި ޤުރްއާނާއި ތަޖުވީދުގެ ޢިލްމާއި ތަފްސީރާއި ފިޤުހާއި ޙަދީޘްގެ އިތުރުން އަޤީދާގެ ޢިލްމުގެ ދާއިރާއިން އިމާމުންނަށް ބޭނުންވާ މުހިއްމު ކަންކަން ހިމެނެއެވެ.
ރާއްޖޭގައި ގާތްގަނޑަކަށް 700 އެއްހާ ދާއިމީ އިމާމުން އުޅޭކަން ފާހަގަކޮށްލެވެއެވެ. މި ޕްރޮގުރާމަކީ އެ އިމާމުންގެ ޢިލްމީ ފެންވަރު މަތިކޮށް، އެ ބޭފުޅުންގެ ޚިދުމަތް އިތުރަށް ފުރިހަމަކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މުހިއްމު މަސައްކަތެއް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެއެވެ.



