ދިވެހި މަސައްކަތްތެރިންނަށް އެމީހުންގެ ޙައްޤުތަކުގެ ފުރިހަމަ ރައްކާތެރިކަން ހޯދައިދިނުމަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކުރާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ރައީސް ޞާލިޙް ވަނީ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ މަސައްކަތްތެރިންނަށް ފޮނުވާފައެވެ.
ޞާލިޙް ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ ރާއްޖޭގައި މަސައްކަތްތެރިންގެ ޙައްޤުތައް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުގައި އެމްޑީޕީން ވަނީ އިސްކޮށް ހަރަކާތްތެރިވެފައި ކަމަށެވެ. އެގޮތުން މަސައްކަތްތެރިންނަށް އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމަށްޓަކައި ޤާނޫނެއް ފާސްކުރެވިގެން ދިއުމަކީ ފަޚުރުވެރިވާ ކަމެއް ކަމަށް ޞާލިޙް ވިދާޅުވިއެވެ.
ޞާލިޙް ވިދާޅުވީ އެފަދަ ކަންތައްތައް މަސައްކަތްތެރިންގެ ޙައްޤުގައި ކޮށްދިނުމުގައި އެމްޑީޕީން ދެމިތިބޭނެކަމުގެ ޔަޤީންކަން އަރުއްވާ ކަމަށެވެ.
މަސައްކަތްތެރިންގެ ހައްޤުގައި އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމުގެ އިތުރުން ޞާލިޙްގެ ސަރުކާރުން ވަނީ ވިހެއުމާ ގުޅިގެން ކޮންމެ މަންމައަކަށް 6 މަސް ދުވަހުގެ މެޓަރނިޓީ ލީވް އަދި ބައްޕައަށް 1 މަސް ދުވަހުގެ ޕެޓަރނިޓީ ލީވް ލިބޭނެ ގޮތް ހަމަޖައްސާފައެވެ.
މީގެ އިތުރުން ސަރވިސް ޗާރޖުގެ ފައިދާ ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ހަމައަށް ލިބިދެވޭނެ ގޮތަށް ޤާނޫނަށް ބަދަލުވެސް ގެނެސްފައިވަނީ ޞާލިޙްގެ ވެރިކަމުގައެވެ.



