"ތިލަމާލެ" ބްރިޖު މަޝްރޫއުގެ 12 ވަނަ ޖޮއިންޓް ޕްރޮޖެކްޓް މޮނިޓަރިން ކޮމިޓީ ބައްދަލުވުން އިންޑިއާގެ މުމްބާއީގައި ބާއްވައިފި. މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބް ބައިވެރިވިއެވެ.
ބައްދަލުވުމުގައި މަޝްރޫއުގެ ކުރިއެރުންތަކާއި ސްޓްރެޓެޖިކް އަދި ޓެކްނިކަލް މަޝްވަރާތައް ކުރެވުނެވެ. މީގެ އިތުރުން، މިނިސްޓަރު މުއްތަލިބް މުމްބާއީގެ "އަދީތު ޓަނަލް" އަށް ޒިޔާރަތްކޮށް، ރާއްޖެއަށް ތަޢާރަފްކުރެވިދާނެ އާ އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓުތަކާ ގުޅޭ މަޝްވަރާތައް ކުރެވުނެވެ.
ތިލަމާލެ ބްރިޖަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ފެށި މަޝްރޫއެކެވެ. މަޝްރޫއުގެ މަސައްކަތް އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއާ 2021 ގައި ހަވާލުކުރެވުނެވެ. މިހާރު މަޝްރޫއުގެ 40% މަސައްކަތް ނިމިފައިވެއެވެ.
މަޝްރޫއުގެ އަގަކީ 500 މިލިއަން ޑޮލަރެވެ. މީގެ ތެރެއިން 400 މިލިއަން ޑޮލަރަކީ އިންޑިއާގެ ލޯނެކެވެ. ބްރިޖުގެ ދިގުމިނަކީ 6.9 ކިލޯމީޓަރެވެ. މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ތިން ބްރިޖެއް އެޅޭނެއެވެ. ބްރިޖުގައި ޓްރެފިކް ލައިޓް، ވައްބުރު ޖަންކްޝަން، ބަސް ސްޓޭޝަންތައް އަދި ސޯލާ ޕަވަރ ބޭނުންކޮށްގެން ދިއްލޭ ނިޒާމް ހިމެނޭނެއެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. ބްރިޖުގެ އެންމެ މުހިންމު މަސައްކަތްތައް ކުރެވެނީ ގުޅީފަޅުގައެވެ. ބްރިޖުގެ ޕްރީ ކާސްޓް ސެގްމަންޓުތައް ތައްޔާރުކުރަނީ ގުޅީފަޅުގައެވެ. ގުޅީފަޅުގައި ޖުމްލަ 1228 ސެގްމަންޓް ހެދުމަށް ވަނީ ރޭވިފައެވެ. މިހާތަނަށް ވަރަށް ގިނަ ސެގްމަންޓްތައް ވަނީ ނިމިފައެވެ.



