ސިވިލް ސަރވިސްގެ ގިނަ ދާއިރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އަދިވެސް އެންމެ އެދެވޭ ގޮތެއްގައި އުޖޫރައިގެ ކުރިއެރުން ލިބިފައި ނުވާކަމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް މުޙައްމަދު ނާސިޙް ވިދާޅުވެއްޖެއެވެ.
ދިވެހި ސިވިލް ސަރވިސް ދުވަހާއި ގުޅިގެން ނާސިޙް ދެއްވި މެސެޖުގައި ވިދާޅުވީ މަސައްކަތުގެ އުޖޫރަ މަތިކޮށް އަދި އެ އުޖޫރައިގެ ހަމަހަމަކަން ޤާއިމްކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ސިވިލް ސަރވިސްގެ ތަޢުލީމީ އަދި ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަންނީ ބައެއް މުވައްޒަފުންނަށް އުޖޫރައިގެ ކުރިއެރުންތަކެއް ލިބިފައިވީ ނަމަވެސް ސިވިލް ސަރވިސްގެ ގިނަ ދާއިރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އަދިވެސް އެންމެ އެދެވޭ ގޮތެއްގައި އުޖޫރައިގެ ކުރިއެރުން ލިބިފައި ނުވާކަމަށެވެ.
ނާސިޙް ވިދާޅުވީ އުޖޫރައިގެ ހަމަހަމަކަން ޤާއިމްނުވެ ހޭދަވާ ކޮންމެ ދުވަހަކީ ސިވިލް ސަރވިސްގެ ދާއިރާތަކަށް ޤާބިލް މީހުން ލިބުމުގެ ދަތިކަން ތަޙައްމަލުކުރަން ޖެހޭ އަދި މި ޚިދުމަތުގައި މިހާރުވެސް ދެމިތިބި އެފަދަ މުވައްޒަފުންނަށް ނުތަނަވަސްކަމާއި މާޔޫސްކަމާއި ކުރިމަތިލާން ޖެހިފައިވާ ކަމެއް ކަމަށެވެ. އެކަން ފާހަގަކުރައްވާ ނާސިޙް ވަނީ ސިވިލް ސަރވިސްގެ ހުރިހާ ފަންތިތަކާއި ގިންތިތަކެއްގައިވެސް މަސައްކަތްކުރާ އެންމެހާ މުވައްޒަފުންނަށް އުޖޫރައިގެ ކުރިއެރުން ލިބިދިނުމަށާއި އުޖޫރައިގެ ހަމަހަމަކަން ޤާއިމްކުރުމުގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމައިދިނުމަށް ސަރުކާރަށް ގޮވާލާފައެވެ.
ނާސިޙް ވިދާޅުވީ ޒަމާނީ ފެންވަރެއްގައި އަވަސް ޚިދުމަތްތަކެއް ރައްޔިތުންނަށް ދިނުމުގެ މުޤައްދަސް ޒިންމާއަކީ ވާޖިބު އަދާކުރާ ސިވިލް ސަރވަންޓުންގެ ވެސް ހުނަރާއި ޤާބިލުކަން މަތިކުރުމަށް އިތުރު މަސައްކަތްތަކެއް ކުރުން ކަމަށެވެ. އަދި ސިވިލް ސަރވިސް އަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޛުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި ރައްޔިތުންނަށް ޚިދުމަތް ކުރުމަށް އޮތް މުވައްސަސާއަކަށް ވާއިރު، ރައްޔިތުން ބަލައިގަންނަ ގޮތެއްގައި ޚިދުމަތް ދިނުމުގައި އަދި އެ ޚިދުމަތް ހޯދާ ފަރާތްތަކާއި މެދުގައި މުޢާމަލާތްކުރުމާއި، ސާފު، ސާދާ އަދި ދެފުށްފެންނަ ގޮތްތައް ޚިޔާރުކޮށް މައްސަލަ ޙައްލުކުރުމުގެ ވިސްނުމުގައި މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށް ނާސިޙް ވިދާޅުވިއެވެ.
ނާސިޙް ވަނީ ސިވިލް ސަރވިސްގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކައި އެކަކު އަނެކަކަށް އެހީތެރިވެދިނުމާއެކު މަސައްކަތް ކުރުމުގެ ސަޤާފަތެއް އަށަގަންނަވައި ޚިދުމަތްތައް ރަނގަޅު ފެންވަރުގައި އަވަހަށް ފޯރުވޭނެފަދަ މުވައްޒަފުންނަށް ވުމަށް ގޮވާލާފައެވެ. އަދި ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވާއިދާއި ސުލޫކީ މިންގަނޑުގައި ހިފަހައްޓައިގެން އިޚްލާސްތެރިކަމާއެކު ޚިދުމަތް ކުރުމަށާއި، ސިވިލް ސަރވިސް އަކީ ރައްޔިތުން ބަލައިގަންނަ އިތުބާރުކުރާ ޚިދުމަތަކަށް ހެދުމަށް ސަމާލުކަން ދިނުމަށްވެސް ނާސިޙް ވަނީ ގޮވާލާފައެވެ.



