ރެޑްބުލް ފޯ 2 ސްކޯ ނޭޝަނަލްސް މުބާރާތުގައި ވާދަކުރުމަށް ޓީމް މޯލްޑިވްސް (ޓީއެފްޓީ) ޖަރުމަނުގެ ލައިޕްޒިގަށް ފުރައިފި އެވެ. 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 އިން 16 އަށް އާރުބީ ލައިޕްޒިގްގައި ކުރިއަށްދާ މި މުބާރާތުގައި "ދުނިޔޭގެ ޗެމްޕިއަންޝިޕްގެ" މަޤާމް ހޯދުމަށް 25 ޓީމު ވާދަކުރާނެ އެވެ.
މުޅި ދިވެހިރާއްޖެއަށް ހުޅުވާލައިގެން ބޭއްވި ކޮލިފައިންއިން ޗެލެންޖުން ހޮވުނު ޓީއެފްޓީ ޖަރުމަނުގައި ތަމްސީލު ކުރާނީ މިމަހުގެ 13 އަދި 14 ވަނަ ދުވަހު ކަމަށް އެޓީމުގެ ފޭސްބުކް ޕޭޖުގައި ލިޔެފައި ވެއެވެ. މި މުބާރާތް ފޯރިގަދަ 4v4 ފޯމެޓަށް ކުރިއަށް ގެންދާއިރު، މެޗުގެ ފުރަތަމަ އަދި އެންމެ ފަހު 60 ސިކުންތުގައި ޖަހާ ގޯލުތައް ގުނާނީ ދެގުނައަށެވެ. ދިވެހިންނަށް ޓީއެފްޓީގެ މެޗުތައް ލައިވްކޮށް ޓީއެފްޓީގެ ފޭސްބުކް ޕޭޖުން ބަލާލެވޭނެ ކަމަށް އެޓީމުން ބުނެއެވެ.

މި މުބާރާތުގައި ބްރެޒިލް، ޖަރުމަން، އަޒަރުބައިޖާން، އަދި އެމެރިކާ ފަދަ ގައުމުތަކުން ކުޅޭއިރު ރާއްޖެއަށް ރަނގަޅު ނަތީޖާއެއް ލިބުން އެއީ ދިވެހިންގެ އުންމީދެވެ.



